ޚަބަރު

ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ވެލި ނަގައިގެން ވިއްކާ – އީޕީއޭ


އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ހުއްދަ ހޯދައިގެން ހިންގާ ބައެއް މަޝްރުޢޫތަކަށް ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ވެލިނަގައިގެން ވިއްކާކަމަށް އެ އެޖެންސިއިން ބުނެފިއެވެ. ގަވައިދާއި ޚިލާފައި ވެލި ނެގުމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސް ބަޔާނެއްގައި އީޕީއޭއިން ބުނެފައިވަނީ ވެލި ނަގައިގެން އެ ވެލި އެހެން ފަރާތްތަކަށް ވިއްކުމާއި، އަދި ނުވިއްކާނަމަ އެވެލި އަލުން ކަނޑަށް އަޅައި ރިސޯސް އިސްރާފުކުރަމުންދާކަމުގެ ޝަކުވާތައް އީޕީއޭއަށް ލިބެނުން އަންނަކަމަށެވެ.

އީޕީއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް ޤަވައިދާއި ޚިލާފައި ވެލި ނަގަމުން އަންނަކަން ވަރަށް ބޮޑަށް ފާހަގަވެފައިވާކަމަށެވެ.

އެގޮތުން ރަށްރަށުގެ ގޮޑުދޮއްތަކާއި، ފިނޮޅުތަކުން ބައެއް ފަރާތްތަކުން ވެލި ނަގަމުންދާކަމަށެވެ. އީޕިއޭއިން ބުނެފައިވަނީ މެޝިނަރީ ބޭނުން ނުކޮށް ވެލި ނެގޭނެ ސަރަަހައްދުތަށް ކޮންމެ އަތޮޅެއްގައިވެސް ކަނޑައަޅާފައިވާނެކަމަށެވެ. މި ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކުން ވެލިނެގުމަކީ ތިމާވެށި ޙިމާޔަތްކުރުމުގެ ޤަވައިދުތަކާއި ޚިލާފު ކަމެއްކަމަށް އީޕީއޭއިންވަނީ ބުނެފައެވެ.

މީގެއިތުރުންވެސް ހުއްދަ ހޯދުމާއި ނުލައި ޕަންޕު ބޭނުންކޮށްގެން ފަޅުތަކުން ވެލި ނަގާ މައްސަލަތައްވެސް އީޕީއޭއަށް ހުށައަޅާފައިވެއެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު ބުނާގޮތުން މެޝިން ބޭނުންކޮށްގެން ވެލި ނެގޭނީ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ ރިޕޯޓް ހެދުމަށްފަހު، ގެއްލުން ނުވާނަމަ އީޕީއޭގެ ހުއްދައާއިއެކުއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ބުނެފައިވަނީ ވެލިނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޤާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާއި ޚިލާފުވާނަމަ، މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.

ވެލިނަގައިގެން މަސައްކަތްކުރާ ފަރާތްތަކާއި ކައުންސިލްތައްވެސް މިކަަމަށް ސަމާލުވެ ޤާނޫނީ އިމުގެ ތެރެއިން، ހުއްދަތައް ނަގައިގެން މަސައްކަތް ކުރުމަށް އީޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

މީގެކުރުންވެސް އީޕީއޭއިންވަނީ ގަވައިދާއި ޚިލާފައި ވެލި ނަގާ ފަރާތްތަކުގެ މައްސަލަތައް ބަލާފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް ވެލި އުފުލި މައްސަލައެއްވެސް ދާދިގަހުން ބަލާފައިވެއެވެ.