ސިޔާސީ

ރަޖިސްޓްރީ ނުކޮށް 20 ގެސްޓްހައުސް ހިންގަމުންދޭ - ޓޫރިޒަމް މިނިސްޓަރ


ކުރީ ސަރުކާރުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް، އެއްވެސް އެގްރިމަންޓެއް ނެތި، އެތައްރަށެއް ދޫކޮށްފައިވާކަމަށާ، ގެސްޓްހައުސް ހިންގުމުގެ ހުއްދަވެސްނެތް ވިހި ތަނެއް މިހާރުވެސް ހިންގަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން އެއްވެސް ބިޑުކުރުމެއްނެތި އެތައް ރަށެއް ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާކަމަށާއި، ގިނަ ރަށްރަށް ދޫކޯށްފައިވަނީ އެއްވެސް އެގްރިމަންޓެއްވެސް ހެދުމެއްނެތިކަމަށެވެ. އަދި ހުއްދަނެތި ހިންގަމުން އަންނަ ބައެއް ރިސޯޓްތަކުގައި ހިތާމަވެރި ހާދިސާތައްވެސް ހިނގަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތައް އިންސްޕެކްޓް ކުރުމަށް މިހާރުކުރިއަށްދާ އޮޕަރޭޝަންގައި ގެސްޓްހައުސް ހިންގުމުގެ އެއްވެސް ހުއްދައެއްނެތް 20 ގެސްޓްހައުސް ހިންގަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިސަރުކާރުން އެ މައްސަލަތަކަށް ޙައްލު ހޯދާނީ ޤާނޫނޫނާއި ޤަވާއިދުގެ ތެރެއިންކަން ފާހަގަކުރައްވައި ބަންޑާރ ނާއިބުގެ ލަފާފުޅާއެކީ މިކަމަށް ފުރިހަމަ ޙައްލެއް ލިބޭނެކަމަށް ވިދާޅުވެފައެވެ.

"2016 ގަ އޮޕަރޭޓިންގ ލައިސަންސް ނެތި ރިސޯޓްތައް ހިންގުމުގެ ހުއްދަދީފައެބަހުރި. އަޅުގަނޑު މިދެނެވީނުންތީ 20 ގެސްޓްހައުސްވެސް ރަޖިސްޓްރީނުކޮށް ހިންގާކަމަށް. އޭޖީގެ ލަފަޔަކަށް މިހާރު ފޮނުވާފަ ވާނީ ރަށްތައް ދޫކޮށްފަހުރިގޮތުން. ރައްޔިތުންނަށް ބުރަ ނުވާނެ ލަފަޔަކަށް އެދިފައިވާނެ. އެއީ ޓޯޓަލް ސޮލިއުޝަނެއް އެ މައްސަލައަށް ލިބޭނެ ލަފަޔަކަށްވާނެ. މިސަރުކާރުން ރަށްތައް ދޫކުރާނީ އޯޕަންބިޑާއެކު. ވަކި މީހަކަށް ރަށްދިނުމުގެ އުސޫލެއް ދެންނޯންނާނެ." ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުވަނީ މިސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފަތުރުވެރިކަމުގެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ވަކިމީހަކަށް ރަށް ބަހާ އުސޫލުން އެއްވެސް ރަށެއްވެސް ދޫނުކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިހާތަނަށް ރިސޯޓު ހެދުމަށް 117 ރަށެއް އެގްރިމަންޓްކުރެވިފައިވާކަމަށާ އޭގެ ތެރެއިން 45 ރަށެއްގައި ރިސޯޓް ތަރައްޤީކޮށް ކުރިއަށްއޮތް ދުވަސްތަކުގައި މާކެޓަށް ނެރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސައްކަތް އެއްވެސްވަރަކަށް ކުރިއަށްނުގޮސް ހުއްޓިފައިވާ 70 ރަށެއް އެބައޮތްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙިދުގެ ވާހަކަފުޅުގައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން މެދުވެރިކޮށް އެފަރާތްތަކުގެ އިޖުތިމާޢީ ޒިންމާގެ ދަށުން، އާރަށުގައި ގަނޑުވަރެއް އަޅާފައިވާކަމަށް ވިދާޅުވެފައެވެ. އެ ގަނޑުވަރުގައި ހަދާފައިވާ މިސްކިތުގެ ދަށުގައި މަސް ޓޭންކެއް ހަދާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ދިޔައިން ކެބިނެޓް މަޝްވަރާއަކަށް އާރަށަށް. އެރަށުން ފެނުނު ޓޫރިޒަމް މިނިސްޓްރީން ސީއެސްއާރުގެ ދަށުން ކާސްލްއެއް ހަދާފައި ހުއްޓާ އިނގޭތޯ. އެއީ ސީއެސްއާރަށް ކުރިކަމެއް. އެއީ ކޮން ސީއެސްއާރެއްތޯ. އަޅގަނޑުމެން ނުތިބޭނަން މޫދަށްއެރި ކަރުތާފެނުގައި ރަށްތައް ދޫކުރަން މަޝްވަރާކުރާކަށް." ޢަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަޙީދުވަނީ ރާއްޖެ ހަޒޯނަކަށް ބަހާލައިގެން ފަތުރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެ ހަޒޯންގެ ތެރެއިން އެންމެ ފުރަތަމަ އެންމެ އިސްކަމެއްދެނީ އެންމެ އުތުރުގެ އަތޮޅުތަކަށާ، ދެކުނުގެ އަތޮޅުތަކަށްކަން މިނިސްޓަރ ޢަލީ ވަހީދު ފާހަގަކުރެއްވިއެވެ.