ޚަބަރު

ޖަޒީރާ ހޮޅުއަށީގެ މަޝްވަރާތައް މިފަހަރު ގދ.ތިނަދޫގައި


އެކި ދާއިރާތައް ކުރިއެެރުވުމުގައި ސަރުކާރުގެ ވިސްނުން ހުރިގޮތާއި، އެކަންކަމަށް އާއްމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ޖަޒީރާ ހޮޅުއަށީގެ ސިލްްސިލާ ބައްދަލުވުން މި ފަހަރު ގދ.ތިނަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖަޒީރާ ހޮށުއަށީގެ ދެވެނަ ބައްދަލުވުން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު ތިނަދޫގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއިއެކުު ފެއްޓެވި މި ސިލްސިލާގެ ދަށުން، ތިނަދޫގައި ބާއްވާ ބައްދަލުވުމުގައިވެސް ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ހޫދު ވިދާޅުވިއެވެ.

ޖަޒީރާ ހޮޅުއަށީގެ ދެވަނަ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި މަސައްކަތުގެ ތަޖުރިބާކާރުން ބައިވެރިވުމުގެ އިތުރުން، ހުށައަޅާ ހުށައެޅުންތަކަށް އާއްމުންގެ ޙިޔާލުތައް ފަސޭހައިން ހިއްސަކުރެވޭނެއެވެ.

ޖަޒީރާ ހޮޅުއަށި ޕްރޮގްރާމަކީ ސިޔާސަތުތައް އެކުލަވާލުމުގައި، އެ މަސައްކަތެއްގައި ހަރަކާތްތެރިވާ ބައެއްގެ ލާބަޔާއި މަންފާއަށް ބަލައި، އަދި އެފަރާތްތަކަށް އެންމެ ބޮޑަށް ފައިދާވާނެހެން ކަންތައްތައް ރޭވުމަށް ބާއްވާ ބައްދަލުވުމެކެވެ.

މާލޭގައި ބޭއްވި ޖަޒީރާ ހޮޅުއަށީގެ ފުރަތަމަ ޕްރޮގްރާމަށް އާއްމުންގެ ބޮޑު ތަރުޚީބެއް ލިބިފައިވެއެވެ. މީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މާލޭގައެވެ. އެ ބައްދަލުވުމުގައި އާއްމުންގެ ޚިޔާލު ހޯދާފައިވަނީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުންނެވެ. އެގޮތުން މި ބައްދަލުވުމުގައި އާއްމުން ހުށައެޅި ޚިޔާލުތަކުގެ ތެރޭގައި، ބަންދުކޮށްފައިވާ ބައެއް މަގުތައް އަލުން ދުއްވޭގޮތަށް ހުޅުވާލުމާއި، މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައާއި، ޕާކު ކުރުމުގެ މައްސަލައަށް ލުޔެއް ހޯދުމާއި، ބަނދަރުމަތި ސަރަޙައްދުގައި މުދާ އުފުލުމުގައި ދަތި ނުވާނެގޮތަށް އިންތިޒާމުތައް ހަމަޖެއްސުންފަދަ ޚިޔާލުތައް އާއްމުން ހުށައަޅާފައިވެއެވެ.

ޢާއްމުންގެ ޚިޔާލުތަކަށް ރިއާޔަތްކޮށް މާލޭގެ މަގުތަކުގެ ޚާލަތު ރަނގަޅުކުރުމަށް މިހާރުވެސްވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބައެއް މަގުތައް ދުއްވޭގޮތަށް ހުޅުވާލުމާއި، ޕާކުކުރާނެ ޖާގަ އިތުރުކުރުމާއި، މަގުތަކުގެ ސަލާމަތީ ކަންކަން އިތުރުކުމާއި، ގިނަދުވަސްވީ އުޅަނދުތައް މަގުމަތިން ނެގުންފަދަ ކަންކަން ހިމެނެއެވެ.

މި ފްރޮގްރާމްގެ މަޤްސަދަކީ ސަރުކާރުގެ ހިންގުމުގައި ވީހަވެސް ބޮޑަށް އާއްމުންގެ ޝާމިލްވުން އިތުރުކުރުމެވެ.