ޚަބަރު

ދަރިފުޅަށް ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި


7އަހަރުގެ ދަރިފުޅަށް ވަޅިން ބިރުދެއްކި މައްސަލައާއި ގުޅިގެން ކުއްޖާގެ ބައްބަ ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ 40އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުން ހައްޔަރުކޮށްފައިވާކަމަށެވެ. މި މީހަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރޭ 22.30ހާއިރެވެ.
ފުލުހުން ބުނެފައިވަނީ 40އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ، ކ.ދިއްފުށި ގެއެއްގައި ހިންގި ހަމަނުޖެހުމެއްގައި އާއިލާގެ މީހުންނަށް ހަމަލާދީ ތޫނު އެއްޗަކުން ބިރުދެއްކިކަމުގެ ތުހުމަތުގައިކަމަށެވެ.

7އަހަރުގެ ފިރިހެންދަރިފުޅަށް ވަޅިން ބިރުދައްކާ ފޮޓޯތަކެއްވެސް މީސް މީޑިއާގައިދަނީ ދައުރުވަމުންނެވެ. ބައެއް ނޫސްތަކުގައި ލިޔެފައިވާގޮތުގައި ކުއްޖާ ތުއްތު އިރުން ފެށިގެން ބަލަމުންދަނީ ކުއްޖާގެ ބޮޑު ދައިތަކަކަށެވެ. އަދި މި ހަމަނުޖެހުމަކީ ކުއްޖާ ބަލަމުންދިޔަ މީހައަތުން 7އަހަރުގެ ފިރިހެން ކުއްޖާ އަތުލުމަށް ހިންގި ހަމަނުޖެހުމެއްކަމަށެވެ.

މި މައްސަލަ މިހާރުވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައެވެ. ޖެންޑަރ މިނިސްޓްރީއިން ބުނެފައިވަނީ މިކަން ހިންގައި ދިޔަ ގޮތް ފުލުހުންނާއި ގުޅިގެން ބަލަމުންދާކަމަށެވެ. އަދި މިއީ ތަޙްގީގް ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު މަޢުލޫތު ޙިއްސާކޮށްފައެއް ނުވެއެވެ.