ސިޔާސީ

25 ޤައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް މަޖިލީހުން ރުހުން ދީފި


ބޭރު ޤައުމުތަކަށް ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 11 ނަންފުޅަށްވެސް މަޖިލީހުން ރުހުންދީފިއެވެ.

މި 11 ސަފީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ޖަލްސާގައި ނެންގެވި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ބޭރުގެ 25 ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޞާލިޙު ވަނީ 11 ބޭފުޅެއްގެ ނަންފުޅު ފޮނުއްވާފައެވެ. މި 11 ބޭފުޅުންނަކީ މިހާރުވެސް ސަފީރުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ 11 ބޭފުޅުންނެވެ.

ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހުން ރުހުންދެއްވި ބޭފުޅުންނަކީ:

  • ސީޝެލްސް، މޮރިޝަސް އަދި ކަޒަކަސްތާން : ސްރިލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤު
  • އަފްޤާނިސްތާނު އަދި ބޫޓާން : އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ
  • ބުރުނާއީ އަދި އިންޑޮނޭޝިޔާ : މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސާމް ޢަލީ
  • އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް : ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޢަބްދުﷲ މަޢުޞޫމް
  • ރިޕަބްލިކް އޮފް ކޮރެއާ : ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް އުވައިސް
  • ކުވޭތު އަދި ޖޯޑަން : ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް
  • ބަޙްރައިން އަދި އޮމާން : އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޙުސެއިން ނިޔާޒު
  • އަޔަރލޭންޑް، ފްރާންސް އަދި ސްޕޭން : އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަޙަނާޒް ފައިޞަލް
  • ޑެންމާކް، ނޯވޭ، ފިންލޭންޑް، ސުވިޑެން އަދި ރަޝިއަން ފެޑެރޭޝަން : ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފު
  • ނެދަލަންޑްސް އަދި ލަގްޒަމްބާގް : ޔޫރަޕިއަން ޔޫނިއަންއާއި ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޙަސަން ޞާބިރު
  • ކެނެޑާ : އެކުވެރި ދަޢުލަތްތަކުގެ ޖަމިއްޔާއާއި އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޛާ ޙުސެއިން

މި ނަންފުޅުތައް ދިރާސާކުރެއްވުމަށްފަހު ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނެރުއްވި ރިޕޯޓުގައި، ވަނީ އެ ބޭފުޅުންނަކީ މިހާރުވެސް ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުން ކަމަށްވެފައި، އަދި އެ ބޭފުޅުންނަކީ ބައިނަލްއަޤްވާމީ އެކިއެކި ރޮނގު ރޮނގުން މަސައްކަތްޕުޅުކުރައްވާ ބޭފުޅުންކަން ފާހަގަކޮށްފައެވެ. އަދި ޑިޕްލޮމެޓިކް މިޝަންއާއި، ތަޢުލީމާއި ތަޖުރިބާގެ ގޮތުން ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުންކަމަށް ޢައްޔަންކުރެއްވުމަށް އެކަށީގެންވާ ބޭފުޅުންކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.