ކުޅިވަރު

ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެއާއި ބޫޓާން


ޖުލައި ވިހިވަނަ ދުވަހު އައްޑޫ ސިޓީގައި ފަށާ ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެއާއި ބޫޓާން ވާދަކުރަން ޖެހިއްޖެއެވެ.

ޔުއެފާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބާއްވާ 15 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމެވެ. އެއީ ދިވެހިރާއްޖެ، ބޫޓާން، ލެޓްވިއާ އަދި ސައުދީއަރަބިއާއެވެ.

މުބާރާތް ހުޅުވާ މެޗުގައި މިމަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ޒުވާން ޓީމް ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. ދިވެހި ޓީމްގެ ދެވަނަ މެޗުގައި ޖުލައި 23ގައި ރާއްޖެ ނިކުންނާނީ ސައުދީ އަރަބިއާއާއި ދެކޮޅަށެވެ. ފަހު މެޗުގައި ލެޓްވިއާއާއި ދެކޮޅަށް ރާއްޖެ ނިކުންނާނީ މިމަހުގެ 27ގައެވެ.

މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 29ގައެވެ.

އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅޭ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހަވީރު ވަގުތުގައެވެ. މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމަށް އިރުޝާދުދޭނީ އިބްރާހީމް ހަލީމް (ޖަޑާ)އެވެ.