ޚަބަރު

ރަހާ ރިސޯޓް އީދު ބަންދާއި ދިމާކޮށް ހުޅުވަނީ


ލ. އަތޮޅުގައި ތަރައްޤީކުރާ ރަހާ ރިސޯޓް އީދު ބަންދާއި ދިމާކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

އީދު ބަންދާއި ދިމާކޮށް ރިސޯޓު ހުޅުވަނީ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ދިވެހިންނަށް ފަހިކޮށްދިނުމުގެ ބޭނުމުގައިކަމަށް އެ ރިސޯޓުން ބުނެއެވެ.

ހަތަރު ތަރީގެ މި ރިސޯޓަކީ ދިވެހި ސަޤާފަތާއި، ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލުމަށް ބޭނުންވާ ފަތުރުވެރިންނަށް ކަމުދާނެ ރިސޯޓެއްކަމަށް އެ ރިސޯޓުން ބުނެއެވެ. ލ. އަތޮޅަކީ ދިވެހި ސަޤާފަތާއި ތާރީޙާއި ގުޅުންހުރު ޙާއްސަ ތަންތަން ހުރި އަތޮޅެއްކަމުން ރަހާ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މިކަމުގެ ތަޖުރިބާ ކޮށްލެވިގެންދާނޭކަމަށް އެ ރިސޯޓުން ބުނެއެވެ.

މިއީ ލާމު އަތޮޅުގެ ދެ ރަށެއް އެއްކޮށްލައިގެން ހަދާ ރިސޯޓެކެވެ. މި ރިސޯޓުގައި 2 ވައްތަރެއްގެ ވިލާ ހުރެއެވެ. އޭގެތެރޭގައި ހިމެނެނީ ޑުލެކްސް އޯޝަން ވިއު ވިލާއާއި، ލޭކް ވިއު ވިލާތަކެވެ.

މޯ ހޮޓަލްސް އިން ތަރައްގީ ކުރާ މި ރިސޯޓް ފަރުމާކޮށްފައިވަނީ ހުރިހާ ބާވަތެއްގެ ފަތުރުވެރިންނަށްވެސް ކަމުދާނޭގޮތަށް ކަމަށް އެ ރިސޯޓުން ބުނެއެވެ. އޭގެތެރޭގައި ހަނީމޫން ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންނާއި، ފެމިލީތަކާއި، އެޑްވެންޗަރ ޓްރިޕްތަކަށް އަންނަ ފަތުރުވެރިންނަށްވެސް ރަނގަޅު މަންޒިލަކަށް ވާނެކަމަށް ރިސޯޓުން ބުނެއެވެ.

މި ރިސޯޓުގައި ސްޕާގެ ޙިދުމަތާއި، ވޯޓަރ ސްޕޯރޓްސްގެ ޙިދުމަތުގެ އިތުރުން އެހެނިހެން ޙިދުމަތްތައްވެސް ލިބެންހުންނާނެއެވެ.