ޚަބަރު

ޙައްޖު ކޯޕަރޭޝަނަށް މާރކެޓިން އެޖެންޓުން ހަމަޖައްސައިފި


ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ޢާންމުންނާ ވީހާވެސް ކައިރިން ފޯރުކޮށްދިނުމަށްޓަކައި މާކެޓިން އެޖެންޓުން އައްޔަންކޮށްފިއެވެ.
ޙައްޖު ކޯޕަރޭޝަންގައިއޮތް ރަސްމިއްޔާތެއްގައިވަނީ ފަސް ދާއިރާއަކަށް އޭޖެންޓުން އައްޔަންކޮށްފައެވެ. މިއީ އެކޯޕަރޭޝަނަށް އެޖެންޓުން ޢައްޔަންކުރި ފުރަތަމަ ބެޗެވެ. އޭޖެންޓުން އައްޔަންކޮށްފައިވާ ފަސް ދާއިރާއަކީ، އިނގުރައިދޫ ދާއިރާ، އޭދަފުށި ދާއިރާ، ތުޅާދޫ ދާއިރާ، އިސްދޫ ދާއިރާ، ތިމަރަފުށި ދާއިރާއެވެ.

އެޖެންޓުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ޙަމީދުވަނީ އެކޯޕަރޭޝަންގެ ޚިދުމްތް ހޯދަންޖެހޭ ކޮންމެފަހަރަކު މާލެ އައުން އެއީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށްޓަކައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާކެޓިން އެޖެންޓުން ބެތިއްބުމަކީ އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

މިގޮތުން އެ ކޯޕަރޭޝަނުން ނިންމާފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އިންތިޚާބީ ހުރިހާ ދާއިރާއެއްގައި އެޖެންޓެއް ބެހެއްޓުންކަމަށް ޙަމީދު ވިދާޅުވިއެވެ. މިގޮތުން މިއެޖެންޓުން އައްޔަން ކުރިނަމަވެސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާގެ އެއްވެސް މުއާމަލާތެއް އެޖެންޓުންނާއި ރައްޔިތުންނާ ދެމެދު ކުރުމަކީ މަނާކަމެއްކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

"ހައްޖު ކޯޕަރޭޝަންގެ ޚިދުމަތް ހޯދަންޖެހޭ ކޮންމެ ފަހަރަކު މާލެ އައުން އެއީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް. މައުލޫމާތު ލިބެން ޖެހޭ ކޮންމެ ފަހަރަކު މައުލޫމާތު ހޯދުމަށް އުނދަގޫ ވުމަކީ އެ ކޯޕަރޭޝަނަށް އަންނަ ޝަކުވާއެއް. މިކަމަށް ހައްލެއް ހޯދުމަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން 5 ދާއިރާއެއްގެ ފަސް އެޖެންޓުންނާއިއެކު ސޮއި މިކުރީ." އިސްމާއިލް ހަމީދު ވިދާޅުވިއެވެ.

ފަސް ދާއިރާއަކަށް ކަނޑައެޅި އެޖެންޓުން ކުރަމުން ގެންދާނެ މަސައްކަތްތަކީ ހައްޖު ކޯޕަރޭޝަނުން ދޭ މައުލޫމާތު އެންމެ ކައިރިން ރައްޔިތުންނަށް ފޯރުކޮށްދީ އުމްރާތަކަށް މީހުން ރަޖިސްޓްރީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.