ޚަބަރު

އަހަރު ނިމޭއިރު ލަންކާއަށް 2މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފި

މިއަހަރު ނިމޭ އިރު ސްރީލަންކާއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފިއެވެ.

އޭޕްރީލްމަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދަނީ އޭގެ އަސަރުކުރަމުންނެވެ.

ލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އެޤައުމުގެ ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދިފަހުން މިވަނީ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއަރލައިންތަކުން ނަގާ ބައެއް ފީތައް ކުޑަކޮށްފައެވެ. އަދި ގުރައުންޑް ހޭންޑްލިންގ ޗާރޖަސް، އޭވިއޭޝަން ފިއުލްގެ އަގުތަށް ވަނީ ކުޑަކޮށްފައެވެ.

މިއާއެކު އެއަރލައިންތަކަށް 20-25 ޕަސަންޓާއި ދެމެދުގެ އަދަދަކަށް ހިންގުމުގެ ޙަރަދުތަށް ކުޑަވެ، ސްރީލަންކާއަށް އުފުލާ ފަސިންޖަރުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ދެކެއެވެ.

އެ އޮތޯރިޓީން ހާމަކުރާގޮތުގައި، މިހާރު އެޤައުމަށް ފަތުރުވެރިން އަންނަ އަދަދަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުސްވި ޖޫންމަހު ދުވާލެއްގެ މައްޗަށް ލަންކާއަށް ޒިޔާރަތްކޮށްފައިވަނީ 2000 ފަތުރުވެރިންނެވެ. އެހެން ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް އެޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 3700 އަށް ވަނީ އިތުރުވެފައެވެ.
އޭޕްރީލްމަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު 41 އެއަރލައިނަކުން ވަނީ ލަންކާއަށް ދަތުރުކުރުން ހުއްޓާލާފައެވެ. އެހެންނަމަވެސް މިހާރު މަޑުމަޑުން ލަންކާގެ ފަތުރުވެރިންކަމުގެ ދާއިރާއަށް ދަނީ ކުރިއެރުންތައް ލިބެމުންނެވެ.

އެގޮތުން މިއަހަރުގެ އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރމަހު އެޤައުމަށް ދިޔުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ބުކިންސްތައް ހަދަމުންދާކަން އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަސް ނިމުނު އިރު، އެޤައުމަށް 1.6 މިލިއަން ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %13.4 ދަށް އަދަދެކެވެ.