ޚަބަރު

ކުށް ސާބިތުކޮށް ނުދެވޭނަމަ ތުހުމަތުކުރި ފަރާތާއިމެދު ދައުވާކުރަނީ


އިސްލާމްދީނުގައި
ހައްދު ކަނޑައެޅިފައިވާ ކުށެއްގެ ތުހުމަތުގައި އެއްވެސް މީހަކާއި ގުޅޭގޮތުން
ސާބިތު ނުހިފޭ ވާހަކަ ދައްކައިފިނަމަ އެމީހަކާއިމެދު  ދައުވާ ކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށް
ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ޕީޖީ
މިހެން ވިދާޅުވީ، މިއަދު ޕީޖީ އޮފީހުގައި ނޫސްވެރިންނާއި ބައްދަލްކުރައްވާ
ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޖީ ވިދާޅުވީ އިސްލާމްދީނުގައި ހައްދު
ކަނޑައެޅިފައިވާ ކުށެއްގެ ތުހުމަތުގައި އެއްވެސް މީހަކާއި ގުޅޭގޮތުން ސާބިތު
ނުހިފޭ ވާހަކަ ދައްކައިފިނަމަ އެފަދަ ބޮޑެތި ތުހުމަތުތައް މީހުންގެ ބޮލުގައި
އަޅުވަމުންދާ ފަރާތްތަކަށް އެފަދަ ކަންކަން ސާބިތުކޮށް ނުދެވޭނަމަ އެމީހުންގެ
މައްޗަށް ދައުވާކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި އެކަމާއި ގުޅޭ
ދިރާސާތަކެއް މިހާރު ކުރިއަށް ދާކަމަށެވެ. އަދި މީހުން މެރުމުގެ ތުހުމަތު މީހުންގެ
ބޮލުގައި އަޅުވައި، ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި
އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އެފަދަ ހަގީގަތާއި ޚިލާފު ދޮގު ވާހަކަ
ދައްކާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނަވަނީ، ހަގީގަތާއި ހިލާފު
ދޮގުވާހަކަތައް ދެއްކުން މިހާރު މުޖުތަމައުގައި އާންމުވެފައިވާތީކަމަށެވެ. އެގޮތުން
އިދިކޮޅު ފަރާތްތަކުގެ އިތުރުން ސަރުކާރު ހިންގާ ފަރާތުންވެސް ދޮގު ތުހުމަތުތައް
އެކިފަރާތްތަކުގެ ބޮލުގައި އަޅުވަމުން ގެންދާކަމަށާއި އެއްވެސް ފަރާތަކުން އެކަން
ކުރާނަމަ ފިޔަވަޅު އަޅުއްވާނެކަމަށް މުހުތާޒް ވިދާޅުވިއެވެ.

ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ،ޤާނޫނީ ވެރިކަން ނެގެހެއްޓުމަށާއި ޤާނޫނު
އަސާސީން ޤާއިމުކޮށްފައިވާ އަސާސްތަކުގެ މައްޗަށް ވެރިކަން ހިންގުމަށްޓަކައި
ޤާނޫނު އަސާސީން އެކަށައަޅާފައިވާ މުއައްސަސާތަކާ މެދު ރުޅިވެރިކަން އުފެދޭ ގޮތަށް
އެއްވެސް ފަރާތަކުން ޢަމަލުކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކެނޑިގެންދާނެ ކަމަށެވެ.
އެހެންކަމުން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް
އަސާސީ ޙައްޤެއް ބޭނުންކުރުމުގައި، އޭގެ އަސްލު މަފްހޫމުން އޮޅުވާލުމަކީ ޤާނޫނު
އަސާސީން ހުއްދަކުރާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން އުފެދިފައިވާ ދިވެހިދައުލަތުގެ ތިންބާރުގެ، ބާރު ޤާނޫނީ
އިންތަކުން ބޭރުން
ކަނޑުވާލުމަށް ހިތްވަރުދީ، ދޮގު މަޢުލޫމާތުތައް ފަތުރައިގެން އެބާރުތަކާއިމެދު
ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަކީ އިސްލާމްދީނުގެ
އަޞްލުތަކާ ކަނޑައެޅިގެން ޚިލާފުކަމަކަށްވާތީ، އެކަމަކީ ޚިޔާލުފާޅުކުރުމުގެ
އިންތަކުން ބޭރުން ކުރެވޭ ކަމެއްކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން މިނިވަން މުސްތަޤިއްލު ކޮމިޝަންތަކަކާއި
މުއައްސަސާތަކެއް
އެކުލަވާލެވިފައިވަނީ ހާމަކަން ބޮޑު އިތުބާރުހުރި ގޮތެއްގައި ދިމިޤްރާޠީ
ނިޒާމެއް ޤާއިމުކުރުމަށްކަމަށާއި، މިނިވަން މުއައްސަސާތަކާއި މިނިވަން މުއައްސަސާތައް
ހިންގުމާ ޙަވާލުވެ ތިބި ފަރާތްތަކާމެދު ސީދާގޮތުންނާއި ނުސީދާ ގޮތުން ތުހުމަތުތައްކޮށް،
ދޮގު އިލްޒާމުތައް ޢާންމުކޮށް ރައްޔިތުންގެ ހިތްތަކުގައި އެތަންތަނާ މެދު އިތުބާރު
ނަގާލަން މަސައްކަތްކުރުމުގެ
ޢަމަލުތަކަކީ ޤާނޫނުތަކާ ޚިލާފު، ދައުލަތާ އިދިކޮޅު ޢަމަލުތަކާއި ފިތުނައިގެ
ތެރޭގައި ހިމެނިގެންދާނެ ކަންތައްތަކެއްކަމަށް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކުގެ ވެރީން ޤާނޫނީ ގޮތުން ޒިންމާދާރުކޮށް ޖަވާބުދާރީ
ކުރެވޭނެ މަގު ޤާނޫނީ އިމުގެ ތެރެއިން ފެންނަން އޮއްވައި، އެމަގު ޚިޔާރު
ކުރުމުގެ ބަދަލުގައި ސުލްޙަވެރިކަން ނަގާލައި، ޤާނޫނީ މުއައްސަސާތަކާ ރުޅިވެރިކަމާއެކު
ކުރިމަތިލުމަށް ގޮވާލާ ރައްޔިތުންނަށް އެކަމަށް ހިތްވަރުދީ ހެދުމަކީ އެފަދަ
ތަންތަނާމެދު ކުރަމުންދާ ދޮގުތުހުމަތަކީ އެއްވެސް ޙަޤީޤީ ބުރަދަނެއް ނެތް މާނައެއް
ނެތް ވާހަކަތަކެއް ކަން ދޭހަކޮށްދޭ ކަމެއްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އަދި އެބާވަތުގެ
ޢަމަލުތަކަކީ ޑިމޮކްރަސީގެ
ނަމުގައި ކުރިނަމަވެސް ޑިމޮކްރަސީގެ އަސާސްތަކާ އިދިކޮޅަށް ހިންގޭ ޖަރީމާތަކެއް
ކަމުގައި ބަލާކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

















ފަހަކަށް އައިސް ހިންގަމުންދާ ސިޔާސީ ޙަރަކާތްތަކުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ
ޙައްޤުތަކުގެ އިމުން
ބޭރުވުމުގެ އިތުރަށް ޖިނާއީ ބޮޑެތި ކުށްތަކަށް ބެލެވޭ ޢަމަލުތައް
ހިންގަމުންދާކަމަށް ޕީޖީ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ޢަމަލުތައް ހިންގާ
ފަރާތްތަކާމެދު ވީއެންމެ އަވަސް މިނެއްގައި ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު
އަޅަންޖެހެކަމަށް މުހުތާޒް ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި،
ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމުގައި ޕީޖީ
އަބަދުވެސް ސާބިތުކަމާއިއެކީގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު
ދެއްވިއެވެ.