ވިޔަފާރި

އެމްޓީޑީސީއިން 5.9 މިލިއަން ޑޮލަރު މީރާއަށް ދައްކައިފި


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.ޓީ.ޑީ.ސީން ރިސޯޓް
ކުލީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ދައްކަންޖެހޭ
5.9 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާކަމަށް އެކުންފުނިން
ބުނެފިއެވެ.

ރިސޯޓު ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުން ކުއްޔާއި ޖޫރިމަނާގެ
ގޮތުގައި ދައުލަތައް ދަންކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން، މީރާއިން ވަނީ
މިދިޔަ ހަފްތާ ތެރޭގައި 16 ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށްފައެވެ. އެމް.ޓީ.ޑީ.ސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ،
އަހުމަދު ނިޔާޒް ވިދާޅުވީ، އެ ފައިސާއަކީ އެކުންފުނިން ރިސޯޓް
ތަރައްޤީކުރުމަށްޓަކައި 2006 ވަނަ އަހަރާއި، 2007 ވަނަ އަހަރު
ސަރުކާރުން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގއ. ވޮޑަމުލާ އަދި ގދ. ކޮނޑޭމަތީލާބަދޫގެ
ހެޑްލީސް އެގްރިމެންޓާއި އެއްގޮތަށް އެ ދެރަށް ނުހެދުމުގެ ސަބަބުން، ސަރުކާރުން
ބާތިލުކޮށްފައިވާތީ، އެ ދެ ރަށުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހިފައިވާ
ފައިސާކަމަށެވެ.



ކުލީގެ ގޮތުގައި ދައްކަންޖެހޭ 5.9 މިލިއަން ޑޮލަރު މިރާއަށް ދެއްކުމަށް
މީރާއިން އެކުންފުންޏަށް އެންގުމާއިގުޅިގެން، އެ ފައިސާދެއްކުމަށް މަސައްކަތް
ކުރަމުންދިޔަ ކަމަށާއި، ނަމަވެސް މިރާއީން ދީފައިވާ މުއްދަތުގެ ތެރޭގައި އެފައިސާ
ނުދެއްކި ލަސްވީ، ޑޮލަރު  ލިބުމުގައި
ދިމާވި ތާށިކަމެއްގެ ސަބަބުންކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ފައިސާ
ނުދެއްކުމުގެ ސަބަބުން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރެވުނު ދުވަހު،
ސަރުކާރާއި، މިރާއާއި ވާހަކަދައްކާ، އެމައްސަލަ ހައްލުކުރުމަށްފަހު، މީރާއާއި އެމް.ޓީ.ޑީ.ސީއާއި
އެއްބަސްވެވުނުގޮތުގެ މަތިން އެފައިސާ އެކުންފުނީގެ އެކައުންޓްތަކުން
އުނިކުރުމަށްފަހު، ހުރިހާ ބޭންކިންގް މުޢާލަމާތްތައް ކުރެވޭގޮތަށް އެމް.ޓީ.ޑީ.ސީގެ އެކައުންޓްތައް
ރިލީޒްކުރެވިފައިވާކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.



މިރާއިން ފްރީޒް ކުރި އެކައުންޓްސްތަކުގެ ތެރޭގައި މަޝް     ޙޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ
ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ ފަސް ކުންފުންޏެއްވެސް
ހިމެނޭ.
ވިލާ ގްރޫޕްގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ، އެ ކުންފުނިން
ތަރައްޤީކުރަން ދޫކުރި ފަސް ރަށެއްގެ ކުއްޔާއި ޖޫރި މަނާގެ ގޮތުގައި ދައްކަންޖެހޭ
އެކެއް ޕޮއިންޓް ހަތަރެއް ބިލިއަން ރުފިޔާ ދައުލަތަށް ނުދައްކާ ހުރުމުގެ ސަބަބުންނެވެ. މިމައްސަލައިގައި
ވިލާ ގްރޫޕުން ބުނީ މިކަމާއި ގުޅޭގޮތުން މިވަގުތު ވަކި އެއްޗެއް ބުނަން ބޭނުންނުވާ
ކަމަށާއި، އެކުންފުނީގެ ނިންމުން ވަރަށް އަވަހަށް ހިއްސާކުރާނެކަމަށެވެ. ވިލާގްރޫޕްގެ
ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވަމުންގެންދަވަނީ ދައުލަތަށް އޭނާ ދައްކަންޖެހޭ
އެއްވެސް ޖުއްޔެއް ނުދައްކައިނުހުންނާނެކަމަށާއި ދައްކަންޖެހޭ ކުލިތައް ކަނޑައެޅިފައިވާ
ތާރީޚްތަކަށް ދައްކަމުންގެންދަވާކަމަށެވެ.



ޓޫރިޒަމް މިނިސްޓްރީންދިން މުއްދަތާއި މީރާއިން ފޮނުވި ދެ ނޯޓިހަށްވެސް
އަމަލުކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު
އަބްދުﷲ
ޖާބިރު ހިންގާ ޔޮޓް ޓުއާޒް ޕްރައިވެޓް ލިމިޑެޓްގެ އެކައުންޓްތައްވެސް
ފްރީޒްކޮށްފައިވެއެވެ. މީގެ އިތުރުން މީރާއިން ފްރީޒްކުރި އެކައުންޓްތަކުގެ
ތެރޭގައި ހިމެނޭ އޭ.އޭ.އޭ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ވާހަކަދައްކަވަމުން އެކުންފުނީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ، އަހުމަދު
ހަމްޒާ ވިދާޅުވީ، ފްރީޒް ކުރެވެނު އެކައުންޓްތަކާއި ގުޅިގެން އެކުންފުންޏަށް
މިހާތަނަށް އެއްވެސް ކަހަލަ މައުލޫމާތެއް މީރާއިން ހިއްސާކޮށްފައިނުވާކަމަށާއި،
މިރާ  މެދުވެރިކޮށް އެ މައުލޫމާތު ސާފުކުރުމުގެ
މަސައްކަތް ކުރައްވަމުންދާކަމަށެވެ.