ޚަބަރު

މަތީ ތަޢުލީމުގެ ސިޔާސަތުގައި ބަހާއި ސަގާފަތައް ދެރަވާނެކަމެއް ނުކުރާނަން – ޑރ.އިބްރާހީމް ޙަސަން


މަތީ ތަޢުލީމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ދިވެހި ބަހާއި، ތަރިކައާއި ދިވެހި ޘަޤާފަތަށް ދެރަގޮތެއްވާނެ އެއްވެސްކަމެއް ނުކުރައްވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ދިވެހިބަހުގެ އެކެޑަމީން އިސްނަގައިގެން އަލްޤާޟީ ޙަސަން ތާޖުއްދީންގެ ވާދައިގެ ތައްޓަށް ބާއްވާ ޤައުމީ ތާރީޚު ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ މުބާރާތްތައް ބޭއްވުން އެއީ މިނިސްޓްރީން ތަރުޙީބު ދެއްވާ ކަމެއް ކަމަށެވެ. އަދި ދިވެހިބަސް ނެތިދާނެ އެއްވެސްކަމެއް ނުކުރައްވާނެކަމަށާ ބަސް ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ޤައުމީ ފެންވަރުގައި މި މުބާރާތް ކުރިއަށްގެންދާ ދެވަނަ އަހަރު ފާހަގަ ކުރަމުން އަންނައިރު މުބާރާތައް އަހަރުން އަހަރަށްް ލިބެމުންދާ ތަރުޙީބުން ދޭހަ ކޮށްދެނީ މިހާރުވެސް ދިވެހި ދަރިން ދިވެހިތާރީޚަށް ދޭ އަހަންމިއްޔަތާއި ލޯބިކަމަށެވެ. އަޝްރަފް ވިދާޅުވީ މި މުބާރާތަކީ ދިވެހި ދަރިންގެ ހިތްތަކުގައި ގައުމިއްޔަތައް ލޯބި ޖެއްސުމުގެ އަމާޒުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. މުބާރާތައް ލިބެމުންދާ ތަރުހީބަކީ މި މުބާރާތް ކުރިއަށްގެންދިޔުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

ރާއްޖޭ ހުރިހައި ރަށެއްގެ ސްކޫލްތަކަށް އާންމުކޮށް ހުޅުވާލައިގެން ފެށި މިމުބާރާތުގައި ގިނަޢަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ޖުމުލަ 20 ސްކޫލަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެއެވެ. އެކި ޢުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި އެކި އުމުރު ފުރާތަކުން ވަނަވަނަ ހާސިލް ކުރި ދަރިވަރުންނަށް އިނާމުދީފައި ވެއެވެ. އަދި މުބާރާތުގައި ވާދަކުރި ސްކޫލްތަކުގެ ތެރެއިންވެސް އުމުރުފުރާތައް ބަހާލައިގެން މޮޅު ސްކޫލްތައް ހޮވާފައިވެއެވެ.