ޚަބަރު

ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯ ލީކު ކުރާ މައްސަލަ އިތުރުވެފައި


މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބޭނުން ކޮށްގެން ބަރަހަނާ ފޮޓޯ ފޮނުވަމުންދާ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު އިތުރު ވެފައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.ޖެނެރަލް އިންވެސްޓްގޭޝަން ޑިޕާރޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަމީމް ވިދާޅުވީ  ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯތައް ފޮނުވައި، ފަހުން ދެމީހުންގެ ގުޅުން ކެނޑިގެންދާ ހިސާބުން އެފަދަ ފޮޓޯތައް އިންޓަނެޓްގައި އާއްމު ކުރާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށެވެ.ޝަމީމް އިތުރަށް ވިދާޅުވީ އެކަކު އަނެކަކަށް ފޮނުވާފައި ހުންނަ ފޮޓޯތައް ދެމީހުން ރުޅިވުމުން އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބްލެކްމެއިލް ކުރާ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށާއި އަދި މިގޮތަށް ހުށަހެޅޭ މައްސަލަތަކަށް ބާލާއިރު ޚާއްޞަކޮށް އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ފޮނުވާފައިވާ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަ ކުރެވޭކަމަށެވެ.ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތައް ބަލާއިރު އެފަދަ ފޮޓޯތައް ފޮނުވާފައިވާ އަންހެން ކުދިންނަށް ބިރުދައްކައި ލޯބީގެ ގޮތުން ގުޅިގެން އުޅެން މަޖުބޫރުކޮށް، ފިރިހެން ކުދިން ބޭނުންވާ ތަންތަނަށް ގެންގޮސް ބަދުއަޚްލާޤީ ޢަމަލު ހިންގައި، ޖިންސީ ގޯނާކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.