ކުޅިވަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ސީޝެލްސްގެ ރައީސްއާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ސީޝެލްސްގެ ރައީސްއާއި ބައްދަލުކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅަކީ 2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން ކުރި ބިޑަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިއަދު ހެނދުނު ސީޝެލްސްގެ ރައީސް ހިސް އެކްސެލެންސީ މިސްޓަރ ޑެނީ ފޯރގެ ރަސްމީ އޮފީހުގައި އޮތް ބައްދަލުކޮށްލެއްވުމުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ސީޝެލްސްގެ ރައީސަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރާއިއެކު މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފުވެސް ބައިވެރިވެޑައިގަންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުން 2023ގެ އައި.އޯ.އައި.ޖީ ބޭއްވުމަށް ރާއްޖެއިން ކޮށްފައިވާ ބިޑަށް ތާޢީކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސީޝެލްސްގެ ރައީސް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދާއި މިނިސްޓަރ މަޙުލޫފުވަނީ ސީޝެލްސްގެ ޔޫތް މިނިސްޓަރާއިވެސް ބައްދަލުކުރައްވާފައެވެ.

2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރ ޝާހިދު އަދި މިނިސްޓަރ މަޙުލޫފު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސީޝެލްސްގެ އިތުރުން މޮރީޝަސް އަދި ކޮމޮރޯސްއަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތަކުން ރާއްޖެއިން މެޑައްޔެއް ހޯދި ފުރަތަމަ މުބާރާތެވެ. އަދި މިއީ ރާއްޖޭގެ ގިނަ ކުޅިވަރުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި ފުރަތަމަ ފަހަރަށް ވާދަކުރި ގޭމްސްކަންވެސް ފާހަގަކޮށްލެވެއެވެ.