ޚަބަރު

ފަނޑިޔާރު ދީދީ މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި


ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަލްސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

މިކަމާގުޅޭގޮތުން އެކޮމިޝަނުން ވިދާޅުވީ ފަނޑިޔާރު ޢަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ތަޙުޤީޤު ކުރަމުން ދިޔަ، ނަންބަރު ޝަކުވާ، ތަޙުޤީޤު ކުރި ކޮމިޓީގެ، ތަޙުޤީޤު ނިމުނު ގޮތުގެ ރިޕޯޓު އެކޮމިޝަނުން ބަލައިގަތުމަށް މިއަދު ބޭއްވި އެކޮމިޝަނުގެ ޖަލްސާއިން ނިންމަވާފައިވާކަމަށެވެ.

އަދި މިއަދުގެ ޖަލްސާއަށް ތަޙުޤީޤު ކޮމިޓީން، ހުށަހަޅާފައިވާ ރިޕޯޓުގައި، ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން، ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އެހެންކަމުން މިނިންމުމާ ގުޅިގެން، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 30ވަނަ މާއްދާގައި ބަޔާންކުރާ ފުރުޞަތުކަމަށްވާ (ތަޙުޤީޤު ރިޕޯޓަށް ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތު) މާދަމާއިން ފެށިގެން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއަށް މިހާރުވާނީ ދީފައިކަމަށްވެސް ޖޭއެސީން ވިދާޅުވެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދަނިކޮށް އޭނާވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުގެރޭ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އޭނާގެ އާއިލާ ދިރިއުޅުއްވަނީ މެލޭގައެވެ.

ޖޭއެސްސީން ބެލި ފަނޑިޔާރު އަބްދުﷲ ދީދީގެ، ސުލޫކީ މައްސަލާގައި އޭނާވަނީ އެކޮމިޝަނަށް މީގެކުރިން ޖަވާބުދާރީވެވަޑައިގެންފައެވެ. ޖޭއެސްސީން ބަލާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަަށް ހުށައެޅިފައިވާ ސުލޫކީ މައްސަލައެކެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ފުލުހުން ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ވަނީ ވަކިގޮތަކަށް ހުކުމްތައް ނެރުމަށް އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އަބްދުﷲ ދީދީ އަށް ރިޝްވަތުގެ ގޮތުން އެތައް ފައިސާ ދީފައިވާކަމަށެވެ. އަދި ނޫސްވެރިޔާ އަހްމަދު ރިލްވާނު ގެއްލުނު މައްސަލާގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމުގެ ތުހުމަތުވެސް ދީދީގެ މައްޗަށް ވަނީ އުފުލާފައެވެ.

މީގެއިތުރުން ފަނޑިޔާރު ދީދީގެ ގާތް މީހަކަށް މެލޭސިއާއިން ވަޒީފާ ދިނުމަށް އެދިފައިވާކަމަށްވެސް ފުލުހުންގެ ސިޓީގައިވެއެވެ. އަދި މި ހުރިހާ މުއާމަލާތެއްވެސް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ސަސްޕެކްޓް 1 ކަމަށްވެސް ފުލުހުން ބުނެއެވެ. ބެލެވޭ ގޮތުން ފުލުހުންގެ ސަސްޕެކްޓް 1 އެެއީ އަހްމަދު އަދީބެވެ. އަދި ވަޒީފާ ހޯދާދިނުމަށް އެދުމުން މެލޭސިއާގައި ހުންނަ ދިވެހި އެމްބެސެޑަރުގެ ނާއިބުކަން ވަނީ ދީދިގެ އަންހެނުނަށް ލިބިފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރާ މިތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ. ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލަ ބޭއްވުމަށް ހުޅުވާލާއިގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ރިޝްވަތުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެކަމަށެވެ.

ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލާގައި އޭނާ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ. އެހެންނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކުރަން ނިންމައި ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ކަނޑައަޅުއްވާފައެވެ.