ސިޔާސީ

ރާއްޖެ-އިންޑިއާ އެއްބަސްވުމަށް މަޖިލީހުން ރުހުންދީފި


ޖިނާއީ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް އިންޑިއާޔާ އެކު ރާއްޖެއިން ހަދާ މުއާހަދާގައި ސޮއިކުރަން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

"މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް ޓްރީޓީ"ގައި ބައިވެރިވުމަށް ހަދާ މުއާހަދާއަށް ރުހުން ދޭން ފާސްކުރީ، 65 މެންބަރުންގެ ވޯޓުން އެވެ. އެ މުއާހަދާއާ ދެކޮޅަށް 11 މެންބަރަކު ވޯޓްދެއްވި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ އެގްރީމަންޓަށް ކޮމެޓީ މަރުހަލާގައިވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަދި ކޮމެޓީ ރިޕޯޓަށްވެސް އެއްވެސް މެންބަރަކު އިސްލާހެއް ހުށަހަޅާފައެއްނުވެއެވެ. މި އެގްރީމަންޓު ދިރާސާ ކުރުމަށްފަހު ގައުމީ ސަލާމަތު ކޮމެޓީގެ، ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން އިދިކޮޅު މެންބަރުން ވަނީ މި އެއްބަސްވުމަށް އަމަލު ކުރުމުން ދިވެހިންނަށް އެތައް ގެއްލުންތަކެއް ލިބޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރުވެސް ވަނީ މި އެގްރީމަންޓާއި ގުޅޭގޮތުން ކަންބޮޑުވުންފާޅު ކޮށްފައެވެ.

މި އެގްރީމަންޓު ނުވަތަ މުއާހަދާގައިވާ ގޮތުން ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވަނީ ހިމަނާފައެވެ. އަދި ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ޓެރަރިޒަމާއި ޓެރަރިޒަމް ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތަށް ހުއްޓުވުމަށް މި އެގްރީމަންޓުގެ ދަށުން މަސައްކަތް ކުރާނެއެވެ. އަދި ހަމައެއާއެކު ތަހުގީގު ކުރުމާއި ޝަރީއަތްކުރަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް މި އެގްރީމަންޓުގެ ދަށުން އެއްގައުމު އަނެއް ގައުމަށް އެހީތެރިވާނެއެވެ.

މި އެގްރީމަންޓާއި ގުޅޭގޮތުން އެޓަރނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުޢާހަދާގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.