ކުޅިވަރު

ސާބިޔާގެ ކޭމްޕަކީ ކުރިއެރުމަށް ލިބޭ ރަނުގެ ފުރުސަތެއް - ޒިޔާން އަދި ޝިމާޢު


ޤައުމީ ޓީމަށް ވީހާވެސް ގިނަ ދުވަހު ކުޅެން ބޭނުންވާކަމަށް އަބްދުﷲ ޒަޔާން މުފީދު އަދި އަހުމަދު ޝިމާޢު ބުނެފިއެވެ.

މިމަހުގެ 17ވަނަ ދުވަހު މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ ފިރިހެން ވޮލީ ޓީމް ތަމްރީން ހަދަނީ ވޮލީގެ ގަދަ ބާރެއްކަމަށްވާ ސަރބިޔާގައެވެ.

ޓީމްގެ އެންމެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޒަޔާން މުފީދު ބުނީ ޤައުމީ ޓީމަށް ކުރިންވެސް ކުޅެން ވަރަށް ބޭނުންވިކަމަށާއި މިހާރު އެފުރުސަތު ލިބުމުން ވީހާވެސް ގިނަ ދުވަހު ޤައުމީ ޓީމަށް ކުޅެން ބޭނުންވާކަމަށެވެ. އަދި ޤައުމީ ޖަރޒީގައި ޤައުމު ތަމްސީލް ކުރަން ލިބުމުން ވަރަށް އުފާވެރި އިޙުސާސްތަކެއް ކުރެވޭކަމަށްވެސް ޒަޔާން ބުންޏެއެވެ. ސަރބިޔާގެ މިކޭމްޕަކީ ޒުވާން ކުޅުންތެރިންނަށް ވަރަށް ރަނގަޅު ކަންތައްތަކެއް ދަސްވާ ކޭމްޕެއްކަމަށާއި މި ކޭމްޕްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ބޭނުންވާކަމަށްވެސް ޒަޔާން ބުންޏެވެ.

"ސަރބިގާއި ކުޅުނު ދެވަނަ މެޗްގައި ފުރުސަތު ލިބުނީމަ އަސްލުގައިވަރަށް އުފާވި. ބޭނުންވީ ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާގޮތުގައި ހިފަން. މެޗްއަށް އަރާފަ ބެލީ އިދިކޮޅު ޓީމްގައި ކިތަންމެ ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް، މަސައްކަތް ކުރަން. ބޮޑަށް ވިސްނާފައި ހުރީ ކޯޗް ބުނިގޮތަށް ބާރު ސްޕައިކްތަކެއް ކުރަން. ކުރިން ނޭންގޭ ކިތަންމެ ކަމެއް މިކޭންޕްއިން މިހާރުވެސް ދަސްވެއްޖެ. ކޯޓްމަތީގައި ހަށިގަނޑު ގެންގުޅޭނެ ގޮތް ވަރަށް ބޮޑަށް ދަސްވެއްޖެ. މިއީ ކުރިން ނޭންގޭކަމެއް. ނަމަވެސް މިހާރު އެކަމުގެ ސަބަބުން ބޯޅަތަށް ނެގުމަށް ވަރަށް ފަސޭހަވޭ އެބަ." އަބްދުﷲ ޒަޔާން މުފީދު ބުންޏެވެ.

ޤައުމީ ޓީމްގެ ސެޓަރ އަޙުމަދު ޝިމާޢުބުނީ ސަރބިޔާގެ މިކޭމްޕްގައި ކުރިން ނޭނގޭ ވަރަށް ގިނަ ކަންތައްތައް މިހާރު އެނގޭކަމަށާއި ކުދިކުދި ކަންތައްތައްވެސް ރަނގަޅުކޮށްގެން ގޭމަށް ވަރަށް ބޮޑެތި ބަދަލްތަކެއް ގެނެވޭނެކަމަށެވެ. ޝިމާޢު ބުނީ އެންމެ ބޮޑު މައްސަލައަކީ އެންމެ ޅައިރުގައި ކިޔަވައިދޭންޖެހޭ އެންމެ ބޭސިކް ކަންތައްތައް މިއިނގެނީ މީހާގެ އުމުރުން 14 އަދި 15 އަހަރުގައިކަމަށެވެ. އެންމެ ބޭސިކް ކަންތައްތައް ނޭނގުމުންވެސް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށާއި ނަމަވެސް މިކޭމްޕްގެ ސަބަބުން އެކަންތައްތައްވެސް ރަނގަޅު ކުރުމަށް ވަރަށް ގިނަ ފުރުސަތު ލިބޭކަމަށް ޝިމާޢު ބުންޏެވެ.

"ސެޓަރެއްގެ ގޮތުން އަޅުގަނޑު ބުނާނީ ކުރިން ނޭންގޭ ކިތަންމެ ކަމެއް މިހާރު އެބައިގޭ. ކުރިން އަޅުގަނޑުމެން ހިތަށްވެސް ނާރާ ކިތަންމެ ކަމެއް އެބަބުނެދޭ. ވަކިގޮތަކަށް ވަކި ކަމެއް ކުރުމުން އޭގެއިން ވާނެ ފައިދާ އަދި ވާނެ ގެއްލުންވެސް ގޯލްޑް މެޑަލް ކޯޗް އެބަ ބުނެދޭ. މިއީ މުޅިން ތަފާތު ވޮލީއެއް. އޭޝިޔާގެ ވޮލީއާއި ޔޫރަޕްގެ ވޮލީ ވަރަށް ތަފާތު އަސްލުގަ. ކޮޑުހުޅު ބޭނުން ކުރާގޮތް އަސްލުގައި އެހާ ރަގަނޅަކަށް ނޭންގޭ ނަމަވެސް މިހާރު ކޮޑުހުޅު ބޭނުން ކުރާގޮތް ވަރަށް ރަގަނޅަށް އެގޭ. އަދި އަބަދުވެސް އިދިކޮޅު ޓީމްގެ ބުލޮކްއަށް ބަލަންޖެހޭ ގޮތްވެސް ބުނެދިން. މިއީ މުޅިން ތަފާތު ލެވެލްއެއް. އަދި ސެޓަރުން ވަކިން ބޭނުން ކޮށްގެންވެސް އެބަ ފަރިތަކުރުންތަށް ކުރިއަށް ގެންދޭ." ޝިމާޢު ބުންޏެވެ.

ސަރބިޔާގައި ޤައުމީ ވޮލީ ޓީމް ތަމްރީން ހަދަމުން އަންނައިރު، މިއީ ޔޫރަޕްގެ ޤައުމެއްގައި ދިވެހިރާއްޖޭގެ ޓީމެއް ކޭމްޕް ކުރާ ފުރަތަމަ ފަހަރެވެ.