ކުޅިވަރު

5 ސެޓް ކުޅެ 2ވަނަ މެޗުންވެސް ޕާޓިޒަން އަތުން ރާއްޖޭގެ ވޮލީ ޓީމް ބަލިވެއްޖެ


ސަރބިއާގައި ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގައި ޕާޓިޒަން އާއި ވާދަކޮށް ދެވަނަ މެޗުގައި 5 ސެޓް ކުޅެ ރާއްޖޭގެ ވޮލީ ޓީމް ބަލިވެއްޖެއެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމްގެ ފަރާތުންވެސް ފެނުނު މިމެޗްގައި ކޯޗް މުޙައްމަދު ސާޖިދު ޖާގަ ދީފައިވަނީ ބެންޗުން އަރަން ތިބި ކުޅުންތެރިންނަށެވެ. މި މެޗުގައި އާންމުކޮށް ފުރަތަމަ 6ގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ކޯޗް ފުރުސަތު ދީފައިވަނީ އަލީ ހުޒާމްއަށް އެކަނިއެވެ. ޕާޓިޒަންއަކީ ސާބިޔާގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުލަބްއެކެވެ. އެންމެ ފަހު ސީޒަންގައި ޕާޓިޒަން ނިންމާލާފައިވަނީ ސަރބިއަން ވޮލީ ބޯލް ލީގްގެ ހަތަރުވަނާގައިއެވެ.

މިމެޗްގެ ސެޓްތައް ފާޓިޒަން ޓީމްއިން ގެންދިޔައީ 25-12، 25-27، 21-25، 22-25 އަދި 15-12 އިންނެވެ. މިމެޗްގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ 23 އަހަރުގެ ހުސެއިން ރަޒާން އާއި 16 އަހަރުގެ ޒަޔާންގެ ކުޅުމެވެ.

މިމަހުގެ 17ވަނަ ދުވަހު މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ސަރބިޔާގައި ކުރާ ތަމްރީންތަކުގައި ޤައުމީ ވޮލީ ޓީމް، ޕާޓިޒަންއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވީވެސް ފަސް ސެޓު ކުޅެގެންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު މުޙައްމަދު ސާޖިދު ބުނީ މެޗްގައި ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނީ އުއްމީދުކުރިވަރަށްވުރެ މޮޅު ކުޅުމެއްކަމަށެވެ.

މެޗްއިން ބަލިވިޔަސް މާބޮޑު މައްސަލައެއް ނެތްކަމަށާއި ފުރަތަމަ މެޗަށް ވުރެ ރަނގަޅަށް މިމެޗްގައި ކުޅުންތެރިން ކުޅުނުކަމަށް ކޯޗް ސާޖިދު ބުނިއެވެ. އަދި ހާއްސަކޮށް ހެދޭ ގޯސްތައް ރަނގަޅު ކުރުމަށް ކުޅުންތެރިން މަސައްކަތް ކުރާތަން ފެންނަކަމަށްވެސް ކޯޗު ސާޖިދު ބުންޏެއެވެ.

"ކުރިން މެޗްގައިވެސް ރިސީވްއާއި ޑިފެންސްގެ މައްސަލަތަށް ފާހަގަކުރެވުނު. މިމެޗްގައިވެސް އެންމެ ބޮޑަށް ދިމާވީ އެކަންތަށްތަށް. މިހާރު މިކޭންޕްގައިވެސް އެންމެ ބޮޑަށް މިމަސައްކަތް ކުރަނީ ރިސީވްއާއި ޑިފެންސް ރަގަނޅު ކުރުމަށް. އަޅުގަނޑުވެސް ހީނުކުރާވަރަށް 23 އަހަރުގެ ރަޒާން އާއި 16 އަހަރުގެ ޒަޔާން މެޗްގައި ދެއްކި ކުޅުން ފާހަގަކޮށްލެވޭ. ޕާޓިޒަންގެ އިސްކޮޅުން ދިގު ކުޅުންތެރިންގެ ކައިރީގައި ވަރަށް ރަގަނޅަށް ސްޕައިކްކޮށްފައިވޭ. ހާއްސަކޮށް ޒަޔާންގެ އެކުޅުން ވަރަށް ފާހަގަކޮށްލެވޭ. ނިލާންގެ މަގާމްއަށް ރަޒާން ލައިގެން ކުޅުނީ. ރަޒާމްވެސް ވަރަށް މޮޅު ބުލޮކްތަކެއް މިމެޗްގައިވަނީކޮށްފަ. ޖުމްލަކޮށް ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިންހަމަޖެހޭ." ކޯޗް ސާޖިދު ބުންޏެވެ.

ސަރވިއާގެ ބަލްގުރޭޓްގައި އެކަނިވެސް 50އަށް ވުރެއް ގިނަ ވޮލީ ސްކޫލް ހުރެއެވެ. އަދި ކޮންމެ އަހަރަކު އެތަކެއް ސަތޭކަ ކުދިން މިސްކޫލްތަކުން ގްރެޖުއޭޓްވެއެވެ.

ކޯޗް މުޙައްމަދު ސާޖިދު ބުނީ މި ކަހަލަ ޤައުމެއްގެ ކުޅުންތެރިން ކައިރިން 5 ސެޓް ކުޅެ ބަލިވުމަކީ މައްސަލައެއް ނޫންކަމަށާއި އަބަދުވެސް ވިސްނަންވީ ކޮންމެ މެޗަކުންވެސް އިތުރު ފިލާވަޅުތަކެއް ދަސްވޭތޯކަމަށެވެ.

ގައުމީ ވޮލީ ޓީމް ސާބިޔާ ތަމްރީން ދަތުރުގައި 7 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި 7 މެޗްގެ ތެރެއިން ކުވެއިތުގެ ޤައުމީ ޓީމްއާއެކުވެސް އެކުވެރިކަމުގެ މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.