އެންސްޕާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ތެރަޕިއުޓިކް ޙިދުމަތްތަކަށް ހަރަދު ހަމަޖައްސައިދޭ ސްކީމްގެ ދަށުން އޯޓިޒަމް އެސޯސިއޭޝަނުން އެޙިދުމަތް ހޯދަން ބޭނުންވާ ކުދިންނަށް ފައިސާގެ އެހީތެރިކަން ދީފިއެވެ.
މިއަދު އޯޓިޒަމް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޙިދުމަތައް އެދިފައިވާ 80އަށްވުރެ ގިނަ ކުދިންގެ ބެލެނިވެރިންނާއިއެކު އެންސްޕާއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ. ޙިދުމަތަށް އެހީ ފޯރުކޮށްދޭ ނޭޝަނަލް ސޯޝަލް ޕޮރޮޓަކްޝަން އޭޖެންސީ އެންސްޕާ އިން ބުނީ އޯޓިޒަމް އެސޯސިއޭޝަނުން ނޫންކަމުގައި ވިޔަސް ތެރަޕިއުޓިކް ޙިދުމަތަށް އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ ކުރިން ބެލެނިވެރިން އަމިއްލަ ޙަރަދުގައި ނަގާ ތެރަޕިއުޓިކް ޙިދުމަތައް މިއަދު ލިބިގެން މިދިޔައީ ބޮޑު ލުޔެއް ކަމަށް ބެލެނިވެރިން ފާހަގަ ކުރެއެވެ. އެގޮތުން ފައިސާގެ ދަތިކަމުން ތެރަޕީ ނުލިބިތިބި ފަރާތްތަކަށް ބޮޑު ހައްލެއް ލިބިގެން ދާނެކަމަށްވެސް ބެލެނިވެރިން ފާހަގަ ކުރެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރުވާއަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭަގައި ހިމެނޭ ކަމެކެެވެ. އެގޮތުން އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެ ޙިދުމަތް ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރ މަހުގައި ވަނީ ފަށާފައެެވެ. ތެރަޕިއުޓިކް ޚިދުމަތް ބޭނުންވާ ފަރާތްތަކުން، ތެރަޕިއުޓިކް ފަރުވާ ބޭނުންވާކަން އަންގައިދޭ ކަމާގުޅޭ ޚާއްޞަ ޑޮކްޓަރެއްގެ ލިޔުމާއި، އެ ފަދަ ތެރަޕިއުޓިކް ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒެއްގެ ކޯޓޭޝަންގެ އިތުރުން އެހީއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހެޅުމުން އެހީ ހަމަޖެހިގެންދާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.