ކުޅިވަރު

ރޯހިތު ޝަރުމާ ރެކޯޑު ހެދި މެޗުން މޮޅުވެ އިންޑިޔާއަށް ލީގު ބުރުގެ އެއްވަނަ


އައިސީސީ ކްރިކެޓް ވަރލްޑްކަޕްގެ ސެމީ ފައިނަލްގައި އިންޑިޔާއާއި ނިއުޒިލަންޑް އަދި އޮސްޓްރޭލިއާއާއި އިންގްލެންޑް ވާދަކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް އިއްޔެ ނިމުނުއިރު، އިންޑިޔާއަށް ލީގު ބުރުގެ އެއްވަނަ ލިބުނީ އެޓީމް ސްރީލަންކާ އަތުން މޮޅުވެ، ޗެމްޕިއަން އޮސްޓްރޭލިއާ ސައުތް އެފްރިކާ އަތުން ބަލިވުމުން ނެވެ.

އިންޑިޔާ ސްރީލަންކާ އަތުން މޮޅުވީ 7 ވިކެޓުން ނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ސްރީލަންކާއިން ނިންމީ ކުޅެން އަރާށެވެ. އޭޓީމް ކުޅެން އަރާ 50 އޯވަރުގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 264 ލަނޑެ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 113 ލަނޑު ހެދި އެންޖެލޯ މެތިއުސް އެވެ.

ޖަވާބުގައި އިންޑިޔާއިން ކުޅެން އަރާ 43 އޯވަރުގެ ތެރޭ 3 ކުޅުންތެރިން ނުބައިވެގެން 265 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އެޓިމުން އެންމެ ރަނގަޅަށް ކުޅުނީ 111 ލަނޑު ހެދި ކޭއެލް ރާހުލް އަދި 103 ލަނޑު ހެދި ރޯހިތު ޝަރުމާ އެވެ. މި ސެންޗަރީއާއިއެކު ރޯހިތު ޝަރުމާ ވެފައިވަނީ އެއް ވަރލްޑްކަޕެއްގައި 5 ސެންޗަރީ ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޗެމްޕިއަން އޮސްޓްރޭލިއާ ސައުތް އެފްރިކާ އަތުން ބަލިވީ 10 ލަނޑުން ނެވެ. މިއީ ލީގު ބުރުގައި އޮސްޓްރޭލިއާ ބަލިވި ދެވަނަ މެޗެ އެވެ. މި ނަތީޖާތަކާއިއެކު ލީގުބުރުގެ އެއްވަނަ ލިބުނީ އިންޑިޔާއަށެވެ. ދެވަނަ އޮސްޓްރޭލިއާއަށް ލިބުނުއިރު، ތިންވަނަ ހޯދީ މުބާރާތް ބާއްވާ ޤައުމު އިންގްލެންޑް އެވެ. އަދި ހަތަރުވަނަ ހޯދައި ސެމީގެ ފަހު ޖާގަ ހޯދީ ނިއުޒީލެންޑް އެވެ.