ކުޅިވަރު

ނޭމާ ބާސާއަށް އަންނަ ބޭނުވިޔަސް، ޕީއެސްޖީން އޭނާ ވިއްކައެއް ނުލާނެ: ބާސާގެ ރައީސް


ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން ބޭނުންވިޔަސް ޕީއެސްޖީން ނޭމާ ވިއްކާލަން ބޭނުންނުވާކަމަށް ބާސެލޯނާގެ ރައީސް ވިދާޅުވެއްޖެ އެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް ކުލަބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން ބާސެލޯނާގެ ރައީސް ޔޯސެފް މާރިއާ ބާޓެމެއު ވިދާޅުވީ ކުލަބުން މުހިންމު ކުޅުންތެރިން ގަންނަން މަސައްކަތްކުރަމުން އަންނަކަމަށެވެ.

ނޭމާއާއި ގުޅޭގޮތުން ސުވާލުކުރުމުން ވިދާޅުވީ، ނޭމާ ބާސެލޯނާއަށް އަންނަން ބޭނުންވާކަން އެނގޭކަމަށާއި، އެކަމަކު ޕީއެސްޖީން ނޭމާ ވިއްކާލަން ބޭނުން ނުވާތީ އެވާހަކަދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ.

ބާސެލޯނާއިން ކުޅުންތެރިން ގަނެ ވިއްކުމުގައި މެސީގެ ނުފޫޒު އޮތްކަމަށް ބުނެ ފަހަކަށް އައިސް ގިނަ ބަޔަކުވަނީ ބާސެލޯނައަށް ފާޑުކިޔާފައެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ބާޓެމެއު ވިދާޅުވީ ކުޅުންތެރިން ހޯދަނީ ކޯޗުގެ މަޝްވަރާގެ މަތިންކަމަށާއި، މެސީއަކީ އެއްވެސް ކަމެއްގައި ބަސްބުނެ ގޮތްކިޔާނެ މީހެއްވެސް ނޫންކަމަށެވެ.

އެންމެ ފަހުން ބާސެލޯނާއިން ގަތް އެންމެ އަގުބޮޑު ދެ ކުޅުންތެރިންނަކީ ފިލިޕް ކުޓީނިއޯއާއި އުސްމާނޭ ޑެމްބެލޭ އެވެ. މި ދެ ކުޅުންތެރިންނަށް ބާސާގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

ރައީސް ބާޓެމެއު ވިދާޅުވީ އެ ދެ ކުޅުންތެރިންނަކީވެސް ބާސެލޯނާގެ މުސްތަގްބަލާއި ގުޅިފައިވާ ދެ ކުޅުންތެރިންކަމަށެވެ. މީގެ ތެރެއިން ޑެމްބެލޭއަކީ ނޭމާއަވުރެވެސް މޮޅުކަމަށް ރައީސް ވިދާޅުވި އެވެ.