ވިޔަފާރި

މަހާޖައްރާފްގެ ލޯނު ފައިނޭންސް ކުރުމުގެ ޚަރަދު ބޮޑު - އެމްޓީސީސީ


ހުސްވި އަހަރު ފަޅުފުންކުރުމާއި ބިންހިއްކުމުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއްގައި މަސައްކަތްކުރެވިފައި ވީނަމަވެސް، އެދާއިރާއިން ތޭރަ ޕޮއިންޓް ހައެއް މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ އަހަރީ ރިޕޯޓުގައި އެކުންފުނީގެ ސީ.އީ.އޯ ޙަސަން ޝާހު ވިދާޅުވެފައިވަނީ އެދާއިރާއިން ގެއްލުން ލިބުނު މައިގަނޑު ސަބަބަކީ، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ޚަރަދު ބޮޑުވުމާއި ޚަރަދާ އެކަށީގެން ނުވާވަރުގެ ކުޑަ އަގެއްގައި ބިންހިއްކުމުގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތައް ކަމަށެވެ.

އަދި އަމާޒަކީ އެ ދާއިރާ އަލުން ދިރުވާ، 2019 ގައި އެދާއިރާއިން ހިންގާ މަޝްރޫޢުތަކަކީ ކުންފުންޏަށް ރަނގަޅު ފައިދާއެއް ވާވަރުގެ އަގެއްގައި ހިންގާ މަޝްރޫޢުތަކެއްކަން ކަށަވަރުކުރުން ކަމަށް ޝާހު ވިދާޅުވިއެވެ.

ބިންހިއްކުމުގެ ދާއިރާއިން އެމްޓީސީސީން ކުރިއަށް ގެންގޮސްފައިވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ކ.މަޑިވަރު، ކ.ކަގި، ށ.ކޮ މަންޑޫ، ކ.ގުރައިދޫ އަދި ކ.ހުރާގެ ބިންހިއްކުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމް.ޓީ.ސީ.ސީން ބަނދެފައިވާ "މަހާ ޖައްރާފު" ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް އެކުންފުނިން އޭރު ބުނެފައިވެއެވެ. 36 މިލިއަން ޑޮލަރު ޙަރަދުކޮށްގެން ބަނދެފައިވާ މަހާ ޖައްރާފަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

"މަހާ ޖައްރާފު" ބަނުމުގެ މަސައްކަތް ނިންމާ، އެމް.ޓީ.ސީ.ސީއާއި ރަސްމީކޮށް ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.