ތަޢުލީމު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްދޭ ތަޢުލީމު ހަރުދަނާކުރަނީ


އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ނިޒާމުގެ އުސޫލުތަކާއި ސްޓްރެޓެޖިކް ޕްލޭން އަލުން މުރާޖާކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އޯލް އިންކްލޫސިވް އެޑިއުކޭޝަން ކޯޗަސް ޓްރެއިނިންގ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ނިޒާމުގެ ތެރެއިން ގިނަ ކަންތައްތަކެއް ޙާސިލުކުރުމަށް މިއަހަރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ނަތީޖާ ހެޔޮގޮތުގައި ނެރުމަށްޓަކައި ކުރަން އެންމެ މުހިއްމު ކަމަކީ ހުރިހާ ކުދިން ޝާމިލުވާ ނިޒާމުގެ އުސޫލުތައް ނުވަތަ އޯލް އިންކްލޫސިވް ޕޮލިސީއާއި ސްޓްރެޓެޖިކް ޕްލެން މުރާޖާކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އާތިފް ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިވަމުންދަނީ މިވަގުތު ރާއްޖޭގެ އުނގެނުމުގައި ޚާއްސަ އެހީއަށް ބެނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ޙަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު ފަރާތްތައް ކަމަށެވެ. އެހެންކަމުން މިޕްރޮގްރާމަކީ ކާމިކާބު ޕްރޮގްރާމަކަށް ވާނެކަމުގެ ޔަގީންކަން އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޯލް އިންކްލޫސިވް އެޑިއުކޭޝަން ކޯޗަސް ޓްރެއިނިން ޕްރޮގްރާމަކީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް އަތޮޅު ތެރޭގައި ހުރި ސްކޫލްތަކުގެ ޓީޗަރުން ތަމްރީންކުރުމަށްޓަކައި ކޯޗުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. ހަތަރު ދުވަހަށް ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމުގައި 20 ސްކޫލަކުން 25 ޓީޗަރުން ބައިވެރިވާކަމަށް އެންއައީއީއިން މަޢުލޫމާތުދެއެވެ.

މިޕްރޮގްރާމުގައި އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ އެކިއެކި ގިންތިތަކުގެ ކުދިންނަށް ކިޔަވައިދޭނެ ގޮތްތަކާއި، ފުރަތަމަ މަރުހަލާގައި އެފަދަ ކުދިން ދެނެގަންނާނެ ގޮތްތަކާއި ކިޔަވައިދިނުމުގެ ބޭނުންކުރާނެ ތަފާތު އުކުޅުތަކުގެ އިތުރުން ބެލެނިވެރިން ތަމްރީނު ކުރުމުގެ އުކުޅުތައް ދަސްކޮށްދިނުންވެސް ހިމެނެއެވެ. އެންއައިއީން ވިދާޅުވީ މި ޕްރޮގްރާމް ފުރިހަމާކުރާ ފަރާތްތަކުން މިމަހުގެ 18 އިން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސްކޫލްތަކަށް ޒިޔާރަތްކޮށް ކޯޗު ކޮށްދީ ޓީޗަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އެންއައިއީން މައުލޫމާތުދެއެވެ.