ސިޔާސީ

ފުލުހުން އަނިޔާކުރި މައްސަލަ ކޮމިޓީން ބަލަނީ


މާފަންނު ގެއަކަށްވަދެ ފުލުހުންތަކެއް މީހަކަށް އަނިޔާކުރިކަމަށް ކުރާ ތުހުމަތުކުތަކާއި ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓިން ބަލަން ފަށައިފިއެވެ.

އެ މައްސަލައާ ގުޅޭގޮތުން ބާއްވާ ކޮމެޓީ މިއަދު ހަވީރު 5:00ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މާފަންނު ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލަ ތަހުޤީޤު ކުރަމުން އަންނަކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދުވެސް ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ފުލުހުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް، (އެޗްއާރުސީއެމް) އަށްވެސް ހުށަހަޅާފައެވެ. އަދި އެ މައްސަލައާ ގުޅިގެން ސީޕީ ހަމީދު ވަނީ އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި އެކަމުގައި އެތެރޭގެ ތަހުގީގެއް ކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް ޕީއެސްސީން ވެސް ވަނީ ނިންމާފައެވެ.

ކޮމިޝަނަރ ހަމީދު ވިދާޅުވީ ފުލުހުންގެ ބަޔަކު ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއް ފާސް ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފެނިވަޑައިގެންފައިވާ ކަމަށާއި ވަގުތުން އެ ފުލުހުން ސަސްޕެންޑްކޮށް، އެ މައްސަލައިގެ ތަހުޤީޤު ފަށްޓާފައިވާ ކަމަށެވެ. އަދި އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ބައިވެރިވި ހުރިހާ ފުލުހުންނާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.