ކުޅިވަރު

ބަންގްލަދޭޝް އަތުންމޮޅުވި ނަމަވެސް ޕާކިސްތާން ވަރލްޑް ކަޕުން ކަޓައިފި


ޕާކިސްތާނުން ފަހު މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވިޔަސް އެޓީމަށް ސެމީފައިނަލްގެ ފުރުސަތު ނުލިބި ކަޓައިފި އެވެ.

މި މެޗަށް ނިކުތްއިރު ޕާކިސްތާނަށް ސެމީ ފައިނަލްގެ ފުރުސަތު އޮތީ 314 ލަނޑުން މޮޅުވެގެންނެވެ.

އެހެންނަމަވެސް އިއްޔެގެ މެޗުން ޕާކިސްތާން މޮޅުވީ 94 ލަނޑުން ނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ގަސްތުކުރީ ކުޅުމަށެވެ. އެޓީމް ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 315 ލަނޑު އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 100 ލަނޑު ހެދި އިމާމުލްހަގް އަދި 96 ލަނޑު ހެދި ބަބާ އަޒާމް އެވެ.

ޖަވާބުގައި ބަންގްލަދޭޝް ކުޅެން އަރާ 44 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 221 ލަނޑެ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 64 ލަނޑު ހެދި ކެޕްޓަން ޝަކީބް އަލް ހަސަން އެވެ. ޕާކިސްތާން ޓީމުން އެންމެ ރަނގަޅަށް އުކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝާހީން އަފްރީދީ އެވެ. އޭނާވަނީ 35 ލަނޑަށް 6 ވިކެޓު ނަގާފަ އެވެ.

މި ނަތީޖާއާއިއެކު ސެމީ ފައިނަލުގެ ފަހު ޖާގަ ޔަގީންވީ ނިއުޒީލެންޑަ ށެވެ. ނިއުޒިލެންޑާއިއެކު ދެން ސެމީގެ ޖާގަ ޔަގީވީ އިންގްލެންޑް، އޮސްޓްރޭލިއާ އަދި އިންޑިޔާއަށެވެ. ލީގު ބުރުގައި އަދި ބާކީ ދެ މެޗު އެބައޮތެ އެވެ.

ސެމީ ފައިނަލް ދެ މެޗު ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 14 ވާ އަދީއްތަ ދުވަހުގައެވެ.