ޚަބަރު

ޝައިމް ފޮރުވި މައްސަލާގައި ހައްޔަރުކުރީ 46އަހަރުގެ އަންހެނަކާއި 23 އަހަރުގެ ފިރިހެނެއް


ޝައިމް ޢަބްދުﷲ ގެއެއްގައި ފޮރުވައިގެން ގެންގުޅުނު މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި، ޢުމުރުން 46 އަހަރުގެ ދިވެހި އަންހެނަކު ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިމައްސަލައިގައި، ޢުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކުވެސް ފުލުހުންވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިކަމަށް އެފަރާތުން ވިދާޅުވެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ބަންދަށް 6 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެއެވެ. އަދި ފިރިހެން މީހާގެ ބަންދަށްވަނީ 15 ދުވަސް ޖަހައިދީފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިއްޔެ ކުރެއްވި ޓުވީޓެއްގައި މިމީހުން ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވާފައިވާއިރު އިތުރު މައުލޫމާތެއް އިއްޔެއަކު ހާމަކުރައްވާފައެއް ނުވެއެވެ.

ޢުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ ގެއްލިގެން ފުލުހަށް ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވެއެވެ. ޝައިމް ފެނުނީ ހޯދާތާ 2 ހަފްތާ ފަހުން މިމަހުގެ 1ވަނަ ދުވަހު ފުލުހުން ހިނގި އޮޕަރޭޝަނެއްގައެވެ.

ދައުލަތުގެ މުއައްސަސާތަކުން ހޯދަމުންދިޔަ ފަރާތެއް ފޮރުވައިގެން އުޅުމުގެ މައްސަލައިގައި 2 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު ފުލުހުންވަނީ ކުށުގެ ވެއްޓަށްދާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެ ޢާއްމުންގެ ކިބައިން އެފަދަ ކަންކަމުގައި އެހީތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.