ކުޅިވަރު

އޭދަފުށިން މާޅޮސް ކޮޅަށް 11 ލަނޑު ޖަހައިފި

ބ.ފުޓްބޯޅަ ޗެލެންޖްގައި މާޅޮސް ކޮޅަށް އެގާރަ ލަނޑު ޖަހައި ގްރޫޕް ސީގެ އެއްވަނައިގައި އޭދަފުށި ހަމަޖެހިލައިފި އެވެ.

މާޅޮސް ޓީމުގެ ފަރާތުން ރަނގަޅު އެއްވެސް ހަމަލާއެއް އޭދަފުށީ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗްގައި، އޭދަފުށީގެ ކެޕްޓަން މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ނަސީމް މި ދެކުޅުންތެރިން ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މިމެޗްގައި އޭދަފުށީ ޓީމްގެ ރައްޒާން ރަޝީދު އާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާޙީމް ޝަރީފްވެސް ވަނީ 2 ލަނޑު ޖަހާފައެވެ. މިކުޅުންތެރިންގެ އިތުރުން އުނައިސް ޒުބައިރުވެސް ވަނީ އޭދަފުއްޓަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މެޗަށްފަހު އޭދަފުށީ ޓީމްގެ ކޯޗް ބުނީ މިއަދުގެ މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ކުރާކަމަށާއި، ގިނަ ފުރުސަތުތަކެއް ގެއްލުވާލާފައިވަނީ، މެޗް މާ ފަސޭހަކޮށް ކުޅުންތެރިން ނެގުމުންކަމަ ށެވެ.

މާޅޮސް މި މުބާރާތުގައި ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފަ އެވެ. ކުޑަރިކިލާ ކުޅުނު މެޗް މާޅޮސް ބަލިވެފައިވަނީ 2-0 ނެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ސީގެ ދެޓީމް ކަމަށްވާ ހިތާދޫ އާއި ފެހެންދޫ އެވެ.