ސިޔާސީ

ބާ ކައުންސިލަށް 23 ފަރާތަކުން ކުރިމަތިލައިފި


ބާ ކައުންސިލްގެ އެޒެގްޓިވް ކޮމެޓީއަށް 23 ފަރާތަކުން ކުރިމަތިލައިފިއެވެ.

ކަައުންސިލްގެ ރައީސްކަަށް ކުރިމަތިލާފައިވަނީ މަރުތައް ބަލާ ކޮމިޝަންގެ ރައީސް ޙުސްނުއް ސުޢޫދާއި ޤާނޫނީ ވަކީލް މައުމޫން ޙަމީދުއެވެ. ކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށްވެސް ކުރިމަތިލާފައިވަނީ ދެ ފަރާތަކުންނެވެ.

ކޮމެޓީގެ ބާކީ ތިބި މެމްބަރުކަމަށް 19 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

އީސީގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 1490 ޤާނޫނީ ވަކީލުން ރަޖިސްޓްރީވެފައިވަކަމަށާއި، އޭގެތެރެއިން 11 ޤާނޫނީ ވަކީލަކު ރަޖިސްޓްރީވެފައިވަނީ އައްޑޫ ސިޓީއަށްކަމަށެވެ.

ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުން ރަޖިސްޓްރީވެފައިވަނީ އެކަކު ނުވަތަ ދެމީހުންކަމަށާއި އެހެންކަމުން މާލެއާއި އައްޑޫގައި ވޯޓުފޮށި ބަހައްޓާނެކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ، އެހެން ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް އަދި ނިންމާފައި ނުވާކަމަށާއި އައްޑޫގައި ވޯޓު ފޮށި ބަހައްޓާނީ ހިތަދޫގައިކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާ ބާ ކައުންސިލްގައި ތިއްބަވާނީ ރައީސްއާއި ނާއިބު ރައީސްގެ އިތުރުން ހަ މެންބަރުންނެވެ. އެ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ވޯޓުލެވޭނީ ޤާނޫނީ ވަކީލުންނަށް އެކަނިއެވެ.

ބާ ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ ހަވީރު ބޭއްވުމަށް ނިންމާފައިވާއިރު އާދިއްތަ ދުވަހުގެ ކެނޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރައްވާނެކަމަށް އަމްޖަދު ވިދާޅުވިއެވެ.

ބާ ކައުންސިލްގެ ވޯޓުލުން އޮންނަނީ މިމަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ.