ކުޅިވަރު

ޔޫރަޕްގެ ފިލޯސަފީއަށް ރާއްޖޭގެ ވޮލީ މަސައްކަތް ކުރަންޖެހޭ - ޑރ. ސްޓެނޮވިޗް


އޭޝިޔާގެ ގަދަ ބާރަކަށް ރާއްޖޭގެ ވޮލީ ހަދަން ބޭނުންވާކަމަށްވާނަމަ، ޔޫރަޕްގެ ގައުމްތަކުން ފަރިތަކުރުންތައް ކުރިއަށްގެންދާގޮތަށް ރާއްޖޭގެ ވޮލީ ބަދަލްކުރަންޖެހޭކަމަށް ސަރބިއާގެ ޑިރެކްޓަރ އޮފް ނެޝަނަލް ވޮލީބޯލް ޓީމްސް ޑރ. ބޯޑްގަން ސްޓެނޮވިޗް ބުނެފިއެވެ.

މިމަހުގެ 17ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުދަނީ ސަރބިޔާގައި ކޭމްޕް ކުރަމުންނެވެ. ސާބިޔާގައި ކުރި ފުރަތަމަ ފަރިތަކުރުންތަކަށްފަހު ރާއްޖޭގެ ގައުމީ ވޮލީ ޓީމާއި ގުޅޭގޮތުން ވާހަކަދައްކަމުން ސާބިޔާގެ ޑިރެކްޓަރ އޮފް ނެޝަނަލް ޓީމް ޑރ. ބޯޑްގަން ސްޓެނޮވިޗް ބުނީ ރާއްޖޭގެ ވޮލީއާއި ގުޅޭ މާގިނަ ކަންތައްތަކެއް ނޭނގުނަސް މިހާރު އޭޝިޔާގެ ވޮލީއާއި ޔޫރަޕްގެ ވޮލީ ވަރަށް ތަފާތުވާނެކަމަށެވެ.

އޭނާ ބުނީ ދިވެހި ޓީމްގެ ފުރަތަމަ ފަރިތަކުރުންތަކަށްފަހު ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ހުރިކަން ފެނިއްޖެކަމަށާއި ނަމަވެސް އިސްކޮޅުން ދިވެހިކުޅުންތެރިން ކުރުކަމަށެވެ. މިޓީމްއާއެކު ގިނަ ދުވަސްތަކެއް ވެންދެން ފަރިތަކުރުންތައް ކުރިއަށްގެންދަން ލިބިއްޖެނަމަ، ތަފާތު ޓީމަކަށް ދިވެހި ޓީމް ހެދިދާނެކަމަށާއި، ނަމަވެސް މި ލިބޭ ކުޑަ ދުވަސްކޮޅުގައި މާގިނަ ކަންތައްތަކެއް ރަނގަޅު ނުކުރެވޭނެކަމަށް އޭނާ ބުންޏެވެ. ސަރބިޔާގައި ޤައުމީ ވޮލީ ޓީމް 10 ދުވަސްވަންދެން ފަރިތަކުރުންތައް ކުރިއަށްގެންދާނެއެވެ.

"ޓީމް މައިގަނޑު ގޮތެއްގައި ރަގަނޅު. މިހާރު މި ދުވަސްވަރަކީ މުބާރާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވާ ދުވަސްކޮޅު. މިހާރު އެންމެ ބޭނުންވަނީ ޓީމްގެ ހުރި ކުދިކުދި މައްސަލަތަށް ރަގަނޅުކޮށް ވީހާވެސް އިތުބާރާއެކު ކުޅުން. މި 10 ދުވަހުގެ ތެރޭގައި އަޅުގަނޑު ބަލާނަން، ވީހާވެސް ގިން ކަންތަށްތަކެއް ރަގަނޅު ކޮށްދެވޭތޯ. ޓީމްއަށް ތަފާތު ބަދަލެއް ގެނެވޭތޯ. ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިޓީމްގެ ފަރާތުން ތަފާތު ކުޅުމެއް ދެއްކޭވަރަށް އެބަޖެހޭ ބައެއް ކަންތަށްތަށް ބަދަލް ކުރަން."

ސަރބިޔާ ތަމްރީން ދަތުރުގައި ރާއްޖޭގެ ޓީމް އެކުވެރިކަމުގެ ހަތް މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކުވެއިތުގެ ގައުމީ ޓީމްއާއެކު ކުޅޭ މެޗުވެސް ހިމެނެއެވެ. ސްޓެނޮވިޗް ބުނީ މިއީ ރާއްޖެއާއެކު ގާތް ގުޅުމެއް އުފެއްދުމުގެ ފުރަތަމަ ފިޔަވަޅުކަމަށައި، ކުރިއަށް އޮތް ތަކުގައި ދެ ގައުމްއަށްވެސް މި ގުޅުމުގެ ސަބަބުން ފައިދާ ކުރާނެކަމަށެވެ.

ސާބިޔާގެ ޑިރެކްޓަރ އޮފް ނެޝަނަލް ޓީމްސް ޑރ. ބޯޑްގަން ސްޓެނޮވިޗްވަނީ 36 އަހަރު ވަންދެން ސާބިޔާގެ ވޮލީ ޓީމްތަކަށް ކޯޗްކޮށްދީފައިވާ ބޯޑްގަން ސްޓެނޮވިޗްވަނީ ގަދަރު ލީގްގައިވެސް މަސައްކަތްކޮށްފައެވެ.

ސާބިޔާގައި ކޭންޕް ކުރުމަށް ގައުމީ ވޮލީ ޓީމްއަށް ލިބުނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ ބުރަ މަސައްކަތުންނެވެ.