ޚަބަރު

ފޮނަދުއާއި ގަމުގެ ހައުސިންގ ޔުނިޓްތަކުގެ ހާލަތު މިނިސްޓަރ ޢާތިފާ ބައްލަވާލައްވައިފި


ލ.ފޮނަދުއާއި، ގަމުގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ހާލަތު މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ ބައްލަވައިލައްވައިފިއެވެ.

ހައުސިންގ މިނިސްޓަރ އާމިނަތު ޢާޠިފާ ލ.އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ވަނީ ލ.އަތޮޅު ފޮނަދޫއާއި ގަމުގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކުރައްވައި ތަނުގެ ޙާލަތު ދެނެގަނެ، ހައުސިންގ ޔުނިޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެކަމަނާ ވަނީ އޮޅުންފިލުއްވާފައެވެ.

ހަމައެހެންމެ ހައުސިންގ ޔުނިޓްތަކާއި އިންވެގެން ހުރި މަގުތަކުގެ ހާލަތާއި ހައުސިންގ ޔުނިޓްތަކާއެކު ދެން ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުގެ ޙާލަތު ހުރިގޮތް މިނިސްޓަރ ބައްލަވާލައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ހައުސިންގ މިނިސްޓަރ ޢާޠިފާ ވަނީ ލ.ފޮނަދޫ ކައުންސިލާއި ގަމު ކައުންސިލްގެ އިތުރުން ލ.އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި ހައްދުންމަތީގެ ރަށްތަކުގެ ބޯހިޔާވަހިކަމުގެ ޙާލަތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި ކައުންސިލްތަކުގެ ފަރާތުންވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް މިނިސްޓަރަށް ހުށަހަޅުއްވާފައެވެ. މިނިސްޓަރ ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމުގައި މިހާރުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ބިޑް ކުރުމުގެ މަރުހަލާގައިވާކަން ދާދިފަހުން ހާމަކުރައްވާފައެވެ. އަދި އެ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައްޔިތުންނަށް އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ މުހިއްމު ވަޢުދުފުޅެކެވެ.