ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރާ ދަބަސް ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތު އިތުރުކޮށްފި


ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ އެކި ހަރާކާތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރާ ދަބަސް ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލާފައިއޮތީ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ޖުލައިމަހުގެ 17 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މިމުބާރާތުން އެއްވަނައަށްދާ ފަރާތަކަށް 25 ހާސް ރުފިޔާގެ އިނާމެއް ލިބޭނެކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖެއިން ބޭރުގައި ބާއްވާ ފެެއަރތަކާއި އެކްސްޕޯތަކުގައި ބޭނުންކުރާ ދަބަހަކީ ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ މުހިއްމު އެއްޗެކެވެ. އަދި ރާއްޖެއިން ބައިވެރިވާ ފެއަރތަކާއި ރޯޑް ޝޯވްތަކުގައިވެސް ރާއްޖޭގެ ސްޓޭންޑުން ދޫކުރާ ދަބަހަށް ބޮޑު ސަމާލުކަމެއް ލިބޭކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިކަމާއި ގުޅޭ ޕްރޮޕޯސަލް މިމަހުގެ ސަތާރަވަނަ ދުވަހުގެ ތިނެއް ޖެހުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި މުބާރާތުން ހޮވޭ ދަބަހުގެ ފަރުމާ އަންނަ އަހަރު ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ އެކިއެކި ޕްރޮމޯޝަންތަކުގައި ބޭނުންކުރާނެއެވެ.