ސިޔާސީ

އެމްއޭސީއެލްގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން - ރައީސް


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހިންގުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްއޭސީއެލް އަކީ އެއަރޕޯޓް އޮޕަރޭޝަންތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައްވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކުންފުންޏެއްކަމަށެވެ. އަދި އެ ކުންފުންޏަކީ ދެތިން މީހަކު ލައިގެން ހިންގޭވަރަށްވުރެ ބޮޑު ކުންފުންޏެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުގައި ކުރިން ހުންނެވި ޢާދިލް މޫސާ، މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެ މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެން، އެކުންފުނި މިހާތަނަށް ހިންގަމުންދިޔައީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މުސާ ޞާލިޙުގެ ހިންގެވުމުގެ ދަށުންނެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއަކީ ދިވެހި ދަޢުލަތަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ކުންފުންޏެވެ.