ޚަބަރު

ލުޠުފީއަކީ އެންމެބޮޑު ޚާއިނު، މަޢާފެއް ނުދޭނަން - ރައީސް


1988ވަނަ އަހަރުގެ ނޮވެމްބަރުމަބުގެ 3ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއާއި، އެދުވެހު ދިވެހިންގެ ކުށެއްނެތް 19 މީހަކު ޝަހީދުކުރުމުގެ އިސް މޭސްތިޔާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަށް މާފު ނުދެއްވާނެކަމަށާ، އޭނާއަކީ މިޤައުމުގެ އެންމެބޮޑު ޚާއިނުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ލުޠުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ޖެހޭނެކަމަށާ، އެކަމަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ.

1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް އޭނާ ފިލާފައިވަނީ 2010ވަނަ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދަ އާއިއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ "އިންޓަރޕޯލް" މެދުވެރިކޮށް ޢަބްދުﷲ ލުތުފީ ހޯދުމަށް "ރެޑް ނޯޓިސް"އެއް ނެރެފައެވެ.

މިދިޔަ މެއި މަހުގެ 1ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ލުތުފީ އަމިއްލަ އަށް ޙާޒިރުވުމުން، އެކަން ދައުކަތުން ހާމަނުކުރައްވައި، އޮތް މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންވަނީ ލުޠުފީ ރާއްޖެ ގެނައުން ލަސްވާތީ ގިނަ ސުވާލުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާފައެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލުޠުފީ އަމިއްލައަށް ޙަވާލުވުމާއެކު ދުވަހުންދުވަހަށް އެމަނިކުފާނަށް އެޚަބަރު ލިބުނުކަމަށެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފްގެ ލަފެއާއިއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ލުޠުފީ ބެހެއްޓިކަމަށާ، އެއީ ދައުލަތުގެ ބެލުމުގެ ދަށުން ދެވަނަފަހަރަށް ލުތުފީ ފިލުމުގެ ފުރުޞަތު ނުދިނުންކަމަށް އެޅުއްވި ފިޔަވަޅެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް ލުޠުފީ ރާއްޖެއަށް ގެންނާނެކަމަށާ، އޭނާ ގެންނާނީ ޤާނޫނީ އިމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރުމަށްފަހުކަމަށެވެ. އަދި މިހާތަނަށްވެސް ސްރީ ލަންކާގެ ބަންޑާރަ ނާއިބުގެ އޮފީހުން އެކަމަށް ލިޔުން ނުލިބޭކަމަށާ، އެންމެ ފަހުން އެއޮފީހުން ވިދާޅުވެފައިވަނީ ސްރީ ލަންކާގެ ސީއައިޑީން ގޮތެއް ނުނިންމަނީސް ލިޔުން ދެވެން ނެތްކަމުގެ ވާހަކަކަމަށް ރައީސް ވިދާޅުވިއެވެ.

"އިއްޔެ ލުޠުފީ ސީއައިޑީ ޑިޕާޓްމަންޓަށް ޙާޒިރުކޮށް ބަޔާނެއް ލުޠުފީގެ އަތުން ނަގާފަވަނީ. އަދި އެޔަށްފަހުގައި މިހާރު ސިލޯނުން އަނބުރާ ގެނައުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ސީއައިޑީން ވަނީ ބުނެފައި. މިހާރު މަޑުކރަނީ މި ބަންޑާރ ނާއިބުގެ ލިޔުމެއް ހުއްދަ ލިބެންދެން. އެއީ ހަމަ ކޮންމެ ގަޑިއެއްގައިވެސް ލިބިދާނެ. ލިބުމާއެކު އެކަން ވަރަށް އަވަހަށް ހިނގާނެކަމަށް ވިދާޅުވި." ރައީސް ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ ލުޠުފީ ރާއްޖެއަށް ގެނައުން، މިހާތަނަށް ލަސްވީ އޭނާއަކީ ފިލައިގެން އުޅޭ މީހަކަށްވާތީކަމަށެވެ. އަދި ސްރީލަންކާގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއާއި ލުޠުފީއާ އެއްވެސް ގުޅުމެއްވޭތޯ ސްރީ ލަންކާ ސަރުކާރުން ބަލަން ބޭނުންވުމުގެ ސަބަބުން އޭނާ ގެނައުމުގައި ލަސްތަކެއް ދިމާވީކަމަށް ރައީސް ވިދާޅުވިއެވެ. ލުޠުފީ ހުރީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައިކަމާއި އޭނާއަށް ވީއައިޕީ ޚިދުމަތް ލިބޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑޫވުން ފާޅުކުރަމުންނެވެ. ނަމަވެސް ރައީސް ވިދާޅުވީ ލުޠުފީ ހުރީ އެމްބަސީގައި ނޫންކަމަށާއި، އޭނާހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.

ލުޠުފީ ދައުލަތުގެ ބެލުމުގެ ދަށަށް އައުމުން އެވާހަކަތައް ހާމަނުކުރި ސަބަބާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ވިސްނިވަޑައިގަތް އެންމެ ރަނގަޅުގޮތަކީ ދައުލަތުގެ ބެލުމުގެ ދަށުން ލުތުފީ ރާއްޖެ ގެނެސް ޖަލަށް ލުމަކީ އެންމެ މުހިންމު ކަންތައްކަމަށެވެ.

"އެނގިވަޑައިގަންވާނެ ޑރ.ވަހީދު ވެރިކަމުގައިވެސް ރައީސް ޔާމީން ވެރިކަމުގައިވެސް އެތައް އިޢުލާނެއްކޮށް ނުގެނެވިފަ ހުރި މީހެއްއެއީ. ވީމާ އަޅުގަނޑުގެ މަޤްޞަދަކަށްވީ އެފުރުޞަތު ލިބުނީމަ ބަލަހައްޓާއިގެން އަޅުގަނޑުގެ ބެލުމުގެ ދަށުން ގެނެސް ޖަލަށްލުން. ލުޠުފީއަކީ އަދިވެސް މި ދައުލަތުގެ އެންމެ ބޮޑު ކުށްވެރިޔާ. އެޔަކަށް ނާދޭ ބަދަލެއް އިނގޭތޯ. އެހެންވީމާ ލުޠުފީއަށް މަޢާފް ދިނުމަކީ އަޅުގަނޑަށް ކުރެވޭނެކަމެއް ނޫން. ލުޠުފީއަށް ކޮށްފަ އޮތް ހުކުމް ތަންފީޒްކުރަން ލުޠުފީއަށް ޖެހޭނެ. އެއީ އަޅުގަނޑަށް ވެރިކަމުގައި ހުރީމަ ބާރު އޮތަސް ކުރާނެކަމެއްނޫން. ޢެއަށްވުރެ ބޮޑު ޚާއިނެއް އެއީ . މިޒަމާނުގެ ކުށްވެރިއެއް އެއީ. އެހެންވީމަ އެކަން އޮންނާނީ އެހެން." ރައީސް ވިދާޅުވިއެވެ.

ލުޠުފީ ރާއްޖެ ގެނައުމަށް 2 މިލިއަނެއްހާ ރުފިޔާ ހޭދަވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާއިރު ރައީސް ވިދާޅުވީ ލަންކާގައި ޤަވާއިދާއި ޚިލާފަށް އޭނާ އުޅޭފައިވާތީ 3000 އެމެރިކާ ޑޮލަރު ދައްކަންޖެހޭކަމަށެވެ. އެފައިސާ ދައްކައި އޭނާ ގެނައުމުގެ ޓިކެޓްނަގާނީވެސް މިސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ލުޠުފީއާއި އެއްވެސް އިރެއްގައި ބައްދަލުވިތީ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ލުޠުފީއާ އެއްވެސް އިރެއްގައި ބައްދަލުވެފައިނުވާކަމަށާއި، އެއީ ދަންނަ މީހެއްވެސް ނޫންކަމަށެވެ.

ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހު ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެއް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.