ސިޔާސީ

އުކުޅަހުގައި ސަލަފްގެ ދަރުސް ހުއްޓުވީ ކައުންސިލަރުން ސިޔާސީވެގެން


އިދިކޮޅު ޕާޓީތަކުން ގެންގުޅޭ " އަނިޔާވެރި ކަމާއި ދެކޮޅަށް " މި
ޝިއާރާއި ނުލާ ދަރުސް ނުދެވޭނޭ ކަމަށް ބުނެ، ރޭ އުކުޅަހުގައި ޝައިހް އަހުމަދު
ސަމީރު ދެއްވަން އުޅުނު ދަރުސް އެ ރަށު ކައުންސިލަރުންތަކެއް ހުއްޓުވާފައިވާ
ކަމަށް ސަލަފް ޖަމްއިއްޔާއިން ބުނެފިއެވެ.



ޕަބްލިކް ސަރވިސް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސަލަފް ޖަމްއިއްޔާގެ
ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ، ޝައިހް
ސަމީރު އުކުޅަހަށް ދަރުސް ދެއްވަން ވަޑައިގަތީ ރަށުގެ ރައްޔިތުންގެ އެދުމުގެ
މަތިން ކަމަށެވެ. އަދި ދަރުސް ހުއްޓުވާފައިވަނީ ކައުސްލަރުން މިކަމުގައި ސިޔާސީ
ކުލަ ޖައްސުވައިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.



އެމް ޑީ ޕީ އަށް ނިސްބަތްވާ ކައުންސިލަރުންތަކެއްގެ މި އަމަލުގެ ސަބަބުން
އެރަށުގައި ބާއްވަން އުޅުނު ދަރުސް ސެޝަނާއި، ޝެއިހް ސަމީރު ޙުތުބާ ދެއްވަން
ހަމަޖެހިފައިވާ ހުކުރު ނަމާދުވެސް ކެންސަލްކޮށް ދަރުސް ޓީމުން މިހާރު ތިބީ އ.އ.
މަތިވެރީގައި ކަމަށް ސަލަފް ޖަމްއިއްޔާއިން ބުނެއެވެ.



އުކުޅަހުގައި ބާއްވަން އުޅުނު ދަރުސްއަކީ" ލޯބީގެ ޝަރުޢީ މިންގަނޑު "
މި ނަމުގައި ބާއްވަން އުޅުނު ދަރުސެކެވެ. ސަލަފް ޖަމްއިއްޔާއިން ބުނީ އުކުޅަހު
ކައުންސިލަރުން ބުނަމުން ދިޔައީ "އަނިޔާވެރިކަމާއި ދެކޮޅަށް" މި ޝިއާރު
ފާޅު ނުކުރާ އިލްްމްވެރިއެއްގެ ދަރުސްއެއް ބޭއްވިޔަ ނުދޭނެ ކަމަށާއި، އެކަމަށް އެ ކައުންސިލުން
ހުއްދަ ނުދޭނެ ކަމަށެވެ.   



މިކަމާއި ގުޅިގެން އުކުޅަހު ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް
ނުވެފައެވެ.