ކުޅިވަރު

ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި


ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވަމުން އަންނަ ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޚް ބައްދަލުކުރައްވައިފިއެވެ.

ރައީސް ޞާލިޙް ވޮލީ ޓީމާއި ބައްދަލުކުރެއްވީ، މުބާރާތަށް ތައްޔާރުވުމަށް ސަރބިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޚާއްސަ ފަރިތަކުރުންތަކަށް ޓީމް ފުރުމުގެ ކުރިން މިރޭ މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ، މިއީ ރާއްޖޭގެ ޔޫރަޕްގެ ޤައުމެއްގައި މިވަރުގެ ޓްރެއިނިންގ ދަތުރެއް ލިބުމުން އެކަން ފާހަގަކޮށް، ޓްރެއިނިންގ ކޭމްޕުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ޓީމަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، ސަރބިއާއަކީ ދުނިޔޭގެ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާ ޤައުމެއް ކަމަށާއި، މި ދަތުރަށްފަހު އައި.އޯ.އައި.ޖީއިން ވޮލީޓީމް މެޑަލްއެއް ހޯދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އައި.އޯ.އައި.ޖީއަށް ތައްޔާރުވުމަށް ޤައުމީ ޓީމްވަނީ މީގެ 8 މަސްކުރިން ފަރިތަކުރުންތައް ފަށާފައެވެ.