ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން އިންތިޒާމްކުރާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ޕީޕަލްސް އެޑިޝަން، ގެސްޓް ހައުސް އެޑިޝަން އަދި ގްރޭންޑް ގާލާއެއް ހިމެނޭއިރު، 45 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުޞަތު މަޓާޓޯއިން ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ އެވޯޑްސްގައި ގެސްޓް ހައުސް އެޑިޝަންގައި 14 ދާއިރާއެއް ހިމެނޭއިރު، އެވޯޑް ދިނުމުގައި އާއްމުންގެ ޚިޔާލާއި، އެސްއެމްއެސްގެ އިތުރުން، ޓްރިޕް އެޑްވައިޒަރގައި ގެސްޓް ހައުސްގެ ރޭންކިންގއަށް ބަލާނެއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ހިމެނޭ ގެސްޓް ހައުސް އެޑިޝަން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫގައި އަންނަ ސެޕްޓެމްބަރުމަހުއެވެ.
ގާލާ އެޑިޝަންގައި 25 ދާއިރާއަކުން އެވޯޑްދޭއިރު، މިދާއިރާތަކަށް ރިސޯޓް، ސިޓީ ހޮޓާ، ސަފާރީ އަދި އެއަރލައިންތަކުން ވާދަކުރެވޭނެއެވެ.

2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.