މުނިފޫހިފިލުވުން

ސީޒަންގެ "ސޯލް" ސާކް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރކޮށްފި


މަޝްހޫރު އެކްޓަރ އަދި ޑިރެކްޓަރ ޢަލީ ސީޒަންގެ ކުރު ފިލްމް "ސޯލް" ސްރީލަންކާގައި މިހާރު ކުރިއަށްދާ ސާކް ފިލްމް ފެސްޓިވަލުގައި ޕްރިމިއަރކޮށްފިއެވެ.

ސާކް ފިލްމް ފެސްޓިވަލްގެ ތެރެއިން މި ފިލްމް ޕްރިމިއަރކުރުމަށް ބޭއްވި ހަފްލާގައި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ފަންނާނުންގެ އިތުރުން ދިވެހިރާއްޖެއިން ސްރިލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސާކް ފިލްމް ފެސްޓިވަލްގެ ކުރު ފިލްމުގެ ކެޓެގަރީއަށް ޙާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލްމަކީ ރާއްޖޭން ބޭރުގައި މިފަދަގޮތަކަށް ޕްރިމިއަރ ކުރި ފުރަތަމަ ދިވެހި ފިލްމެވެ.

ސީޒަން ޑައިރެކްޓްކޮށްފައިވާ "ސޯލް"ގެ ލީޑްކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ސްރީލަންކާގެ ދެ ފަންނާނުނެވެ. އެގޮތުން ލީޑް އެކްޓަރގެ ރޯލު ކުޅެފައިވަނީ ސްރީލަންކާގެ ފެޝަން ޑިޒައިނަރ އަދި މޮޑެލްއެއްގެ އިތުރުން ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނަޔަކައެވެ. އަދި ލީޑް އެކްޓްރެސްގެ ގޮތުގައި ފެނިގެންދަނީ ލަންކާގެ މޮޑެލް ކުރުމާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވުމުގެ އިތުރުން ޓީވީ ޕްރެޒެންޓަރެއްކަމަށްވާ ނިޕުނީ ވިލްސަންއެވެ. ހަމައެހެންމެ ދިވެހި ދެ ފަންނާނުންކަމަށްވާ އިސްމާއިލް ޖުމާހް (ޖުމާ) ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ވެސް މި ފިލްމުން ފެނިގެންދެއެވެ.

"ސޯލް" މި ފިލްމަކީ ދެމަފިރިއަކު އެމީހުންގެ ހަނީމޫން ހޭދަކުރުމަށް ރާއްޖެއަށް ކުރާ ދަތުރެއްގެ ވާހަކަ ކިޔައިދޭ ކުރު ފިލްމެކެވެ. އއ. މަތިވެރީގައި ޝޫޓްކޮށްފައިވާ މި ފިލްމުން ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުފަޅުގެ މުއްސަނދިކަން ފެނިގެންދާނެކަމަށް ފިލްމުގެ ޑިރެކްޓަރ ސީޒަން ބުނެފައިވެއެވެ. ފިލްމުގައި ދިވެހި ބަހާއި އިނގިރޭސިބަހުގެ އިތުރުން ސިންގަޅަ ބަސްވެސް ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައިވެއެވެ.

9 ވަނަ ސާކް ފިލްމު ފެސްޓިވަލްގެ ފީޗަރ ފިލްމުގެ ބައިން ޑާކްރެއިންގެ ފިލްމް "ގޮށްރާޅު" ވާދަކުރާއިރު، ފެސްޓިވަލްގެ އެވޯޑު ދިނުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ’ދަ ސިނަމާ ހޯލް‘ ގައެވެ.