ޚަބަރު

އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް އިސްކަންދޭނަން - ކޯޕަރޭޝަން


ވަކިކަހަލަ ބަލިތަކަކަށް ފަރުވާކުރަމުންދާ މީހުންނަށް ޙައްޖަށް ގެންދިއުމުގައި އިސްކަންދިނުމަށް ޙައްޖު ކޯޓާއިން ވަކި ޢަދަދެއް ވަރަށް އަވަހަށް ކަނޑައަޅާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. އެ ކޯޕަރޭޝަނުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަ ދައްކަމުންނެވެ.

ޕެންޝަން ފަންޑުން ޙައްޖަށް ދިއުމަށް ޕެންޝަން ސޭވިންގ ސްކީމުން 80 އިންސައްތަ ފައިސާ ދޫކުރުމަށް ޕެންޝަނާ ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙާއި ގުޅިގެން ޙައްޖު ކޯޕަރޭޝަންގެ ވެރިން ވަނީ މަޖލީހުގެ އިޖުތިމާޢީ ކޮމިޓީއަށް ޙާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ.

ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ޙަމީދު ވިދާޅުވީ، ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ތެރެއިން ބޮޑު ޢަދަދެއް އެ ކޯޕަރޭޝަނަށް ހަމަޖައްސައިދެމުން އަންނަކަަމަށާއި، އޭގެ ތެރެއިން 10 އިންސައްތަ ޢުމުރުން 70 އަހަރުން މަތީގެ މީހުންނަށް ޚާއްޞަކުރަން މިހާރު ފަށާފައިވާކަމަށެވެ.

ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖަށް ދިއުމަށް ނަން ނޯޓްކޮށްފައިވާ މީހުން ޢަދަދު ގިނަ ކަމުން އެތައް އަހަރަކު މަޑުކުރަން ޖެހޭކަމުގެ ޝަކުވާ ބޮޑުކަމަށާއި އެކަމުގައި ޢަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ކޯޕަރޭޝަނުން ގެންގުޅޭ ވިސްނުން ހާމަކުރުމަށް އެދިވަޑައިގަތުމުން އިސްމާޢީލް ޙަމީދު ވިދާޅުވީ، ވަކި ކަހަލަ ބަލިތަކެއް ހުންނަ މީހުންނަށް އިސްކަންދޭނެ އުސޫލެއް ވަރަށް އަވަހަށް ހަމަޖައްސާނެކަމަށެވެ.

"ވަކި ހަކަލަ ބަލިތަކެއް މިސާލަކަށް ޢުމުރު ދުވަހަށް ބޭސްކުރަންޖެހޭ ފަދަ ބަލިތަކުގެ މީހުން ނުވަތަ ފުރާނައަށް ނުރައްކާވާފަދަ ބަލި މީހުން ޙައްޖަށް ގެންދިއުމުގައި އިސްކަންދޭނެ އުސޫލެއް ވަރަށް އަވަހަށް އަޅުގަނޑުމެން ކަނޑައަޅާނަން. އެގޮތުން ކޯޕަރޭޝަނަށް ލިބޭ ޙައްޖު ކޯޓާގެ ތެރެއިން ވަކި އިންސައްތައެއް ހަމަޖައްސާނަން." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ޙަމީދު ވިދާޅުވިއެވެ.


ވަނީ ޙައްޖު ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގު ބޮޑުކަމުގެ ޝަކުވާ އާއްމުންކުރާކަން ކޮމެޓީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. އެ ވާހަކަތަކަށް ޖަވާބުދާރީވަމުން ޙަމީދު ވިދާޅުވީ، ކޯޕަރޭޝަނުން ޙައްޖަށް މީހުންގެންދާ އަގަކީ 2013 ވަނަ އަހަރު ކަނޑައަޅާފައިވާ އަގުތަކެއްކަމަށެވެ. އެއީ އެކަމަށް އެންމެ އެކަށޭނަ އަގުތަކެއްކަމަށް ޤަބޫލުކުރައްވާކަމަށާއި، އަގު ބޮޑުވެގެން އެ ކޯޕަރޭޝަނަށް މިހާތަނަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށް ޙަމީދު ވިދާޅުވިއެވެ. އެހެންނަމަވެސް ގުރޫޕްތަކުން މީހުން ޙައްޖަށް ގެންދާ އަގުތަށް ބޮޑުކަމަށާއި، ބޮޑެތި ޢަދަދުތަކުން ފައިސާ ނަގާކަމުގެ ޝަކުވާ އެކޯޕަރޭޝަނަށް ލިބެމުންދާކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި ކޯޕަރޭޝަނަށް ފައިސާ ދައްކާ ތަރުތީބުން މީހުން ހައްޖަށް ދިއުމަށް ފުރުޞަތު ދެމުން އަންނަކަމުގެ ޔަޤީންކަންވެސް ޚަމީދުވަނީ ދެއްވާފައެވެ.

ޙަމީދު ވަނީ ނިމިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރ ކަނޑައަޅާ ޢަދަދަކަށް ކޯޓާ ދޫކުރުން ޙައްޖު ކޯޕަރޭޝަނަށް އަންގަމުން އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުވެސް 400 އަށް ވުރެ ގިނަ ކޯޓާ ސިޔާސީ ބޭފުޅުން ބޭނުންވާ ބަޔަކު ޙައްޖަށް ގެންދިއުމަށް ދޫކޮށްފައިވާކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި އުސޫލުން ބޭރުން ކޯޕަރޭޝަނުން މަސައްކަތް މިހާރު ނުކުރާނެކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.


"މިދިޔަ އަހަރު 400 އެއްހާ މީހުން ނުވަތަ ހަތަރުސަތޭކަ ފަންސާހެއްހާ މީހުންނަށް ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަށް ކޯޓާ މިނިސްޓަރ ހަމަޖައްސަމުން އައިސްފައިވަނީ. ކޯޕަރޭޝަނަށް ދޭ ދެބައިކުޅަ އެއްބައި ކޯޓާގެ ތެރެއިން ބޮޑު ބައެއް މިނިސްޓަރ ފޮނުވާ ލިސްޓުގައި ތިބޭ ބަޔަކަށް މިދެނީ. މަދު ބަޔަކު ކޯޕަރޭޝަނުން ކަނޑައަޅާ ބައެއްގެ ގޮތުގައި ޙައްޖަށް ގެންގޮސްފައި އޮތީ. އެއީ އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ކަމެއް. އެއީ ރެގިއުލޭޓް ބޮޑީއަކީ. އެއީ ކޯޕަރޭޝަނުން ކޮށްފައިވާ ކަމެއްނޫން. އެއްވެސް މީހަކު ޙައްޖު އުސޫލާއި ޚިލާފަށް ގެންދިއުމުގެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން މިހާރަކު." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ޙަމީދު ވިދާޅުވިއެވެ.

ޙައްޖަށް ދިއުމަށް ޕެންޝަން ސްކީމްގައި ހުރި ފައިސާއިން 80 އިންސައްތަ ބޭނުންކުރެވޭގޮތަށް ޕެންޝަނާއި ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހާއި ގުޅޭގޮތުން ޕެންޝަން އޮފީހުން ދެކޭގޮތެއް ބެލުމަށް އެ ކޮމިޓީގެ ފަރާތުން ފޮނުވި ސިޓީއާއި ގުޅިގެން ލިބިފައިވާ ޖަވާބު މުޤައްރިރު ވަނީ ކޮމިޓީގެ މެންބަރުންނާއި ޙިއްސާކުރައްވާފައެވެ.

ޕެންޝަން އޮފީހުގެ ސިޓީގައިވަނީ ޕެންޝަން ފަންޑުން ޙައްޖަށް ދިއުމަށް ފައިސާ ދޫކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށްވާތީ އެއީ އެންމެ ރަނގަޅު ނިންމުންކަމަށް ދެކޭކަމަށެވެ. ނަމަވެސް ޕެންޝަން ޤާނޫނުގެ މަޤްޞަދު ގެއްލޭގޮތަށް އެ ޤާނޫނަށް އިތުރު އިޞްލާޙެއް ނުގެނައުމަށް ޕެންޝަން އޮފީހުން ވަނީ ކޮމިޓީގައި އެދިފައެވެ. ކޮމިޓިން ވަނީ ޕެންޝަން އޮފީހުން އެދުނު ގޮތަށް އިތުރު އިޞްލާހެއް ނުގެނައުމަށްވެސް ނިންމާފައެވެ.