ސިއްހަތު

11 އެމްބިއުލާންސް ހޯދަން އިޢުލާންކޮށްފި


ހެލްތް މިނިސްޓްރީގެ ބޭނުމަށް 11 އެމްބިއުލާންސް ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިހާރު ހުޅުވާލާފައިވާކަމަށާއި، ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 50000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ އިޢުލާންގައިވެއެވެ.

11 އެމްބިއުލާންސް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާއިރު، 11 އެމްބިއުލާންސްއެއް ގަތުމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ވަނީ 77 މިލިއަން ރުފިޔާގެ އެހީއެއް ދިވެހި ސަރުކާރަށް ދީފައެވެ. މިއީ އެމްބިއުލާންސް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަހަރު އިޢުލާންކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މިނިސްޓްރީން ވަނީ 15 އެމްބިއުލާންސްއެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން ސިއްޙީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ދިނުމަށްޓަކާ، ނެޝަނަލް އެމްބިއުލެންސް ސަރވިސް އެއް ތައާރަފްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މި ޚިދުމަތުގެ ދަށުން ރާއްޖޭގެ އެމްބިއުލަންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ސިއްޙީ ފަރުވާ ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްބިއުލާންސްތަކުގެ ތެރެއިން 30 އިންސައްތަ އެމްބިއުލާންސް ހުރީ ބޭނުން ނުކުރެވޭ ހާލަތެއްގައިކަން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. އަދި ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ދަށުން މި އުޅަނދުތަކުގެ މެއިންޓެއިނަންސް މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.