ސިޔާސީ

ބަޖެޓްގައި ހުރި މަޝްރޫއުތައް ކުރިޔަށް ދާނެ - އަސްލަމް


މިއަހަރު ކުރިއަށްގެންދިއުމަށް ބަޖެޓްގައި ކަނޑއަޅފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތްނުފާށާ ދޫނުކޮށްލާނެކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ ބަނދަރު ހެދުނުގެ މަސައްކަތް ހުއްޓިފައިވާތީއާއި، ބިން ހިއްކުމުގެ މަސައްކަތް ފެށިފައި ނުވާތީ އެކަމުގެ މަޢުލޫމާތު ހޯދުމަށް މިނިސްޓަރ މަޖިލީހަށް ޙާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އަސްލަމް ވަނީ މިހާތަނަށް ފަށާފައިވާ އަދި ފަށަން ޕްލޭންކޮށްފައިވާ މަޝްރޫޢުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 36 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވ.. އެއީ ފެނުގެ ނިޒާމް ޤާއިމްކުރުގެ 3 މަޝްރޫއަކާއި، ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއަކާއި، ފެނާއި ނަރުދަމާގެ 11 މަޝްރޫއަކާއި، މަގުހެދުމުގެ 7 މަޝްރޫއެއްގެ އިތުރުން ބަނދަރު ހެދުމުގެ 14 މަޝްރޫޢުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ހުރިހާ މަޝްރޫޢުތަކެއްގެ އަގު 1.1 ބިލިއަން ރުފިޔާއަށް އަރާކަމަށްވެސް ޕްލޭނިންގ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މަޝްރޫޢުތައް ހަވާލުކުރުމަށް ނެގޯޝިއޭޓް ކުރުމުގެ މަރުހަލާގައި 41 މަޝްރޫއެއް އޮތްކަމަށާއި، ޓޭންޑަރކުރުމުގެ މަރުހަލާގައި 20 މަޝްރޫޢު އަދި ޑޯނާރ ފަންޑިންގ ނުވަތަ ބޭރުގެ އެހީއާއެކު ކުރިއަށްގެންދާ 39 މަޝްރޫޢު ހިމެނޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މި އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި ބައެއް މަޝްރޫޢުތައް ހިމަނާފައި ވަނީ އެ މަޝްރޫތަް ކުރިއަށް ނުގެންދޭވެނެ މިންވަރަށް ވަރަށް ކުޑަ ޢަދަދެއް
ފައިސާ ޖަހާގެންކަމަށެވެ. އެ މަޝްރޫޢުތައް އެ އަގުގައި އަހަރުގެ ކުރީކޮޅު ފަށައިފިނަމަ ހުއްޓިދާނެ ބިރު އޮތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް އަހަރުގެ ފަހުކޮޅު ފަށާނެކަމަށެވެ.

އެ މަޝްރޫޢުތަކަށް ބޭރުގެ އެހީގައި ލިބޭ ފައިސާ ކަނޑައަޅާނެކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއް ނުފަށާ ދޫނުކޮށްލާނެކަމަށްވެސް ވިދާޅުވެފައެވެ.

"ބައެއް މަޝްރޫޢުތަކަށް އެބަހުރި ވަރަށް ކުޑަ ޢަދަދެއްވެސް ހިމަނާފަ. އޭގެ ޢަމަލީ މަސައްކަތްވެސް ނުފެށޭނެ ކުޑަ ޢަދަދުތައް. އެ މަޝްރޫޢުތައް މިހާރު ފަށައިފިނަމަ ހުއްޓިދާނެކަމުގެ ބިރުއެބައޮތް. އެހެންވެ މިއަހަރުގެ ތަންކޮޅެއް ފަހުން ފަށަން އަޅުގަނޑު މަޑުކޮށްލާފަ މިހުރީ. އެއްވެސް މަޝްރޫޢުއެއް ބަޖެޓްގައި ހިމަނާފަ އަތް ނުލާ ދޫނުކޮށްލާނެ ވާހަކަ ދަންނަވާލަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވަނީ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ޢާންމުކުރައްވާނެކަމަށްވެސް ވިދާޅުވެފައި. ޤައުމީ މާސްޓަރ ޕްލޭން އެކުލަވާލުމުގައި މިހާރު ކުރިއަށްދަނީ ކެބިނެޓްގައި މަޝްވަރާކުރުންކަމަށްވެސް ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވި.

"ޤައުމީ މާސްޓަރ ޕްލޭން ޢާންމު ކުރުމަށް ފަހު އެޕްލޭނަށް ބަދަލު ގެނައުމުގެ ފުރުޞު ހުޅުވާލާނަން. މި މަޖިލީހަށާއި، ކައުންސިލްތަކަށާ އަދި ރައްޔިތުންނަށް ވެސް އެ ފުރުސަތު އޮންނާނެ."

އެކި ދާއިރާތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، ބަޖެޓްގައި ހުރި މަޝްރޫޢުތައް ފަށާނެ ތާރީޚޤތަކާއި، އެ މަޝްރޫޢުތައް ހިނގާނެ ގޮތުގެ ތަފްސީލް ހިމެނޭ ޝޭޑިއުލެއް އެކުލަވާލާފައިވާކަމަށާއި، އެއާ އެެއްގޮތަށް ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށްދާނެކަމަށް. އަދި ރައްޔިތުންގެ މަޖިލީހާއި އެ ޝެޑިއުލް ހިއްސާކުރައްވާނެކަމަށް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވި.