މާލޭގައިހުރި ދުވަސްވީ ބާ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ސިޓީ ކައުންސިލުން ނިންމަވައިފިއެވެ.
ޕްލޭނިންގ މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަހަކަށް އައިސް މާލޭގައި ޢިމާރާތްތައް ބާވުމުގެ ސަބަބުން ޢިމާރާތް ތަކުން ބައެއް ނުވަތަ ބައިތަކެއް ވެއްޓި ހިތާމަވެރި ހާދިސާތައް ދިމާވުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެފަދަ ހާދިސާތައް ހިނގުން މަދުކުރުމަށް ސިޓީ ކައުންސިލާއި ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.
އެގޮތުން އެފަދަ ހާލަތެއްގައި ހުރި އިމާރާތެއްގެ މަޢުލޫމާތު އެނގޭނަމަ އެކަން ވީ އެންމެ އަވަހަކަށް މާލޭ ސިޓީ ކައުންސިލަށާއި ޕްލޭނިންގ މިނިސްޓްރީއަށް އެންގުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން އާންމުންނަށް އެފަދަ މަޢުލޫމާތު ފަސޭހައިން ޕްލޭނިންގ މިނިސްޓްރީއާ ހިއްސާ ކުރެވޭނެ ގޮތް ހެދުމުގެ ގޮތުން އީމެއިލްއާއި އެ މިނިސްޓްރީގެ ފޭސްބުކު ޕޭޖު މެދުވެރިކޮށްވެސް އެކަން އެންގޭނެކަމަށް އެ މިނިސްޓްރީން ވަނީ ވިދާލުވެފައެވެ. އަދި އެފަދަ ތަންތަނުގެ މަޢުލޫމާތު ފޮނުވާއިރު އެ އިމާރާތެއްގެ ނުވަތަ އެ ތަނެއްގެ ފޮޓޯ ފޮނުވުމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ނުރައްކާތެރި އިމާރާތްތަކާއި ތަންތަނުގެ ގޮތުގައި އިމާރާތްކުރުމާއިބެހޭ އިދާރީ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ އިމާރާތެއް ނުވަތަ ތަނެއް ގިނަދުވަސްވެ ބާ ވުމާއި ޢިމާރާތަކަށް ނުވަތަ ތަނަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން ނުވަތަ ޢިމާރާތްކުރުމުގެ މަސައްކަތެއްގެ ފެންވަރު ދަށްވުމާއި ނުރައްކާތެރި ޙާދިޘާއެއް ދިމާވެދާނެފަދަ ގޮތަކަށް ޢިމާރާތްކޮށްފައިވާ ތަނަކަށް ވުމާއި ދިމާވާ ހާދިޘާއެއްގެ ސަބަބުން މީހުންނަށް ނުވަތަ މުދަލަށް ގެއްލުމެއް ވެދާނެ ނުވަތަ ވުން ގާތް ޢިމާރާތްތަކާއި ތަންތަން ކަމަށެވެ.
އެހެންކަމުން އެ ޢިމާރާތަކީ ނުރައްކާތެރި އިމާރާތެއް ކަމަށް ނުވަތަ ނުރައްކާތެރި ޢިމާރާތަކަށް ވުން ގާތް ޢިމާރާތެއްކަމަށް މިނިސްޓްރީއަށް ރިޕޯޓުކުރުމުން ޢިމާރާތަކީ ރައްކާތެރިނޫން ޢިމާރާތެއްތޯ ނޫންތޯ މިނިސްޓްރީން ބެލުމަށްފަހު އެކަން ކަނޑައަޅާނެ ކަމަށެވެ. އަދި އެތަނަކީ ރައްކާތެރިނޫން ތަނެއް ކަމަށް މިނިސްޓްރީ އިން ކަނޑައަޅައިފިނަމަ، ރައްކާތެރި ނޫން ސަބަބުތައް ބަޔާންކޮށް އެކަންތައްތައް ރަނގަޅުކުރުމަށާއި އެތަން ބޭނުން ނުކުރުމަށް ޢިމާރާތުގެ ވެރިފަރާތަށް މިނިސްޓްރީން އަންގާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެތަނަކީ ނުރައްކާތެރި ތަނެއްކަން އަންގައިދޭ ނޯޓިސްއެއް އެތަނުގައި ހަރުކުރުމަށްފަހު އެފަދަ ޢިމާރާތެއް ހުސްކުރުމަށް މިނިސްޓްރީން އެންގުމަށްފަހުގައިވެސް، އިތުރަށް އެ ޢިމާރާތް ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޢިމާރާތުގެ ވެރިފަރާތް ނުވަތަ ވެރިފަރާތުން އިމާރާތް ބޭނުންކުރާ ފަރާތްތަކަށް އަންގާފައިވާނަމަ އެ އިމާރާތެއް ބޭނުން ކުރާފަރާތް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން ޢިމާރާތަކީ ރައްކާތެރި ޢިމާރާތެއް ނޫންކަމަށް ކަނޑައަޅައި، ޢިމާރާތުގެ ސަލާމަތީ ކަންތައްތައް ރަނގަޅުކުރުމަށް އެންގުމުންވެސް، ޢިމާރާތުގެ ވެރިފަރާތުން ރަނގަޅު ކޮށްފައިނުވާނަމަ ޢިމާރަތްކުރުމާބެހޭ އިދާރީ ޤަވައިދުގެ ދަށުން އެ މަސައްކަތް ކުރުމަށް ޢިމާރާތަށް ވަނުމަށް ކޯޓު އަމުރެއް ހޯދުމަށްފަހު އެ މަސައްކަތް މިނިސްޓްރީން ނުވަތަ މާލެ ސިޓީ ކައުންސިލުން ކުރާނެ ކަމަށާ އަދި މި މަސައްކަތަށް ޚަރަދުވި މިންވަރު ކަނޑައަޅާފައިވާ ގޮތަކަށް ކަނޑައަޅާފައިވާ މުއްދަތެއްގައި ވެރިފަރާތުން ދައްކަންޖެހޭނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.