ވިޔަފާރި

ގެސްޓްހައުސްތަކާއި ލިވަބޯޑުތަކަށް އެމްއެމްޕީއާރުސީން އެހީތެރިވަނީ


ގެސްޓްހައުސްތަކާއި ސަފާރީތައް އިޝްތިހާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާރު ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި އެމްއެމްޕީއާރުސީން މިއަހަރު ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށެވެ. އެމަސައްކަތުގެ ދަށުން ގެސްޓް ހައުސް ވިޔަފާރިއާއި ލިވަބޯޑުތައް މިހާރަށްވުރެ ބޮޑަށް އިޝްތިހާރުކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީން ބައިވެރިވާ ފެއަރތަކާއި ރޯޑް ޝޯވތަކުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި ސަފާރީ ނުވަތަ ލިވަބޯޑް އޮޕަރޭޓްކުރާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭޙައިން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޮޑު އެސޯސިއޭޝަނުން ވަނީ ސަފާރީތަކަށާއި، އެއީ އަޅުގަނޑުމެން މިކިޔާ ލިބަރބޯޑުތަކަށް ލުއިގޮތްތަކެއް ހޯދުމަށް ނިންމާފައި. މީގެ މާނައަކީ ކުރިއަށް މިއަހަރު ހުރި ފެއަރތަކާއި ޝޯވތަކުގައި މިބޭފުޅުންނަށް ލުއިގޮތަކަށް ބައިވެރިވެވިދާނެއޭ. އެއީ އަޅުގަނޑުމެން ފާހަގަކުރާ ބައެއް ކަހަލަ ހަރަކާތްތަކެއް. މި ހަރަކާތްތަކުގައި އެބޭފުޅުންނަށް ބައިވެރިވެވޭނެ." ތޮއްޔިބު ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައިނަލްއަޤްވާމީ އެކި ފެއަރތަކުގައި އެކުންފުނިން ދަނީ ރާއްޖެ އިޝްތިހާރުކުރަމުންނެވެ. އެގޮތުން ދެން އެންމެ އަވަހަށް އޮންނާނީ މެލޭޝިއާގެ ކުއަލަލަމްޕޫރްގައި އޮންނަ ވިޒިޓް މޯލްޑިވްސް އެކްސްޕޯކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިއެކްސްޕޯ ތިން ދުވަހަށް ކުރިއަށްދާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 18 ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވާނެއެވެ. އޭގެތެރޭގައި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ޓްރެވެލް އެޖޭންޓުން ހިމެނޭކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ތޮއްޔިބު ވިދާޅުވީ މި އެކްސްޕޯގައި އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރުކުރުމަށްކަމަށެވެ.

"މި އެކްސްޕޯގެ ޓާގެޓް މާކެޓެއްގެ ގޮތުގައި އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ގެސްޓްހައުސް އިންޑަސްޓްރީ. ތިން ދުވަހަށް ދާ މިހަރަކާތުގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅަށް ޕްރޮމޯޓްކުރެވޭނެ." ތޮއްޔިބު ވިދާޅުވިއެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ވިޔަފާރިއެކެވެ. މިއަހަރުގެ ނިޔަލަށް 548 ގެސްޓްހައުސް ރާއްޖޭގައި ތަރައްޤީކޮށްފައިވާއިރު މިތަންތަނުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ 8918 އެނދު އެބަހުއްޓެވެ.

އެމްއެމްޕީއާރުސީން ދަނީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރިސޯޓުތަކާއި އެއްވަރަށް ގެސްޓް ހައުސްތައް ވެސް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ގެސްޓްހައުސްތައް ޝާމިލްކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.