ސިޔާސީ

ބާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލައިފި


ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މި މަހުގެ ފަސްވަނަ ދުވަހުގެ ހަވީރުގެ 17:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އިލެކްޝަނުން ވަނީ ބާ ކައުންސިލްގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީވެސް އާއްމުކޮށްފައެވެ. އަދި މިއަދުން ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

ބާ ކައުންސިލްގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ބާ ކައުންސިލު ހިންގާނީ، އެކުލަވާލާ އެގްޒެކެޓިވް ކޮމިޓީއާއި، އެ އެގްޒެކެޓިވް ކޮމިޓީން އެކުލަވާލާ ދާއިމީ ސަބް ކޮމިޓީތަކުގެ މައްޗަށް ކަމަށެވެ.

އެ ގާނޫނުގައި ބުނެފައިވަނީ ބާ ކައުންސިލު ގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވަނީ ނުވަ މެންބަރެއްގެ މައްޗަށް ކަމަށެވެ. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރާނީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުކުރެވޭ ރައީސާއި، ނައިބު ރައީސާއި އިތުރު ހަ ޤާނޫނީ ވަކީލުން އިންތިޚާބުކުރުމަށް ބާއްވާ ފުރަތަމަ އިންތިޚާބު ބާއްވާނީ، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން، އެ ކޮމިޝަނުގެ ފަރާތުން ކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، މި މަހުގެ 13 ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ތިރީސް މިނުޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14ވަނަ ދުވަހުގައެވެ.