ކުޅިވަރު

ރާއްޖޭގެ އެތުލީޓުންނަށްވެސް ރަން މެޑަލް ހޯދޭނެކަން މިހާރު ރައްޔިތުން ޤަބޫލުކުރޭ: މަރުޒޫގް


އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދި ރަން މެޑަލްއާއެކު، ރާއްޖޭގެ އެތުލީޓުންނަށްވެސް ރަން މެޑަލް ހޯދޭނެކަން މިހާރު އާންމު ރައްޔިތުން ޤަބޫލުކުރަން ފަށައިފިކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމް.އޯ.ސީ)ގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 17ވަނަ ދުވަހު މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސަށް ޚާއްޞަކޮށްގެން ޕީ.އެސް.އެމްއިން ރޭ ލޯންޗްކުރި، "މިފަހަރުވެސް ގޯލްޑް"ގެ ފުރަތަމަ ޝޯގައި ވާހަކަދައްކަމުން މަރުޒޫގް ވިދާޅުވީ، އެންމެ ފުރަތަމަ މެޑަލްގެ ވާހަކަދެއްކުމުން ކުޅިވަރު ޢާއިލާ އާއި އެސޯސިއޭޝަންތަކުގެ ވެރިންނަށްވެސް އެކަން ޤަބޫލުކުރަން އުނދަގޫވިކަމަށެވެ.

ނަމަވެސް އެމް.އޯ.ސީން އެސޯސިއޭޝަންތަކާ ގުޅިގެން ކުރި މަސައްކަތުން، މިހާރު ވިސްނުން ބަދަލުވެ، ކޮންމެ ކުޅިވަރަކުންވެސް މިހާރު ބޭނުންވަނީ މެޑަލްއެއް ހޯދަންކަމަށާއި، ބައެއް ކުޅިވަރުތަކުން ސީދާ ރަން މެޑަލް ހޯދަންވެސް މިހާރު މަސައްކަތް ކުރަމުންދާކަމަށް މަރުޒޫގް ވިދާޅުވި އެވެ. ޚާއްޞަކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެއަށް ވަރަށް ޚާއްޞަ މުބާރާތެއްކަމަށް މަރުޒޫޤު ވިދާޅުވި އެވެ.

2015 ވަނަ އަހަރު ރެޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވަނީ 8 މެޑަލް ހޯދާފައެވެ.