މުނިފޫހިފިލުވުން

ވާހަކަ: ދެވަނަ ހިޔަނި


ޖޫން 26 އާދިއްތަ ދުވަހާއި ގުޅޭ

ބަޠޫލް ހޭއަރާނެ ވަގުތެއްގެ އިންތިޒާރުގައި ހުރި ނަރުސް ބަޠޫލް ހޮސްޕިޓަލަށް ގެނަންޖެހުނު ސަބަބު އޮޅުން ފިލިވައިދިނެވެ. ބަޠޫލް ބާރަށް ދެލޯމަރާލިއެވެ. އަދި އެއީ އޭނަޔަށް ފެނުނު ހުވަފެނަކަށް ހެދޭތޯ މަސައްކަތްކުރި އެވެ. ބަޠޫލްގެ ރަހުމަތްތެރިން ހަވީރު އަންނާނެކަމަށާއި ދެތިން ދުވަސް ފަހުން ހޮސްޓެލުން ދޫކޮށްލާނެކަމަށް ބުނެ ހާސްވެ ބިރުގަނެފައިވާ ބަޠޫލް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. އަދި ނިދާ އިންޖެކްޝަނެއް ގެ އެހީގައި ބަޠޫލް ނިންދަވާލިއެވެ.

ނިދިފައި އޮތް ބަޠޫލަށް ހޭލެވުނީ ކޮންމެވެސް ކަހަލަ މީރު ވަހެއް ގެ އަސަރު ސިކުނޑިއަށް ވެރިވުމުންނެވެ. ލަސްލަހުން ދެލޯހުޅުވާލިއެވެ. ކުރިމަތިން ފެންނަ ކުޑަދޮރު ހިޔަންޏެއް ހުރަސް ކޮށްލިހެން ހީވިއެވެ. އަދި ދޮރު ފޮތިގަނޑު ޙަރަކާތް ކުރިހެން ވެސް ހީވިއެވެ. އެއީ ކާކު ހެއްޔެވެ. ބަޠޫލް ހިތާ ހިތާ ކިއާލިއެވެ. ހީވި ވަހުމެއްކަމަށް ބަލާ ބަޠޫލް އެ ވަހުމްތަކާއި ދުރުކޮށްލީ ކޮޓަރި ތެރެއިން ދުވަމުންދާ މީރުވަހުންނެވެ. ބަޠޫލްގެ އެވަހާ މެދު ވިސްނާލިއެވެ. ހާދަހާ ވާ މީރުވަހެކެވެ. އެވަހުން ސިކުނޑި ވަނީ ތާޒާ ވެފައެވެ. ވަސް އަންނަނީ ކޮން ދިމާލަކުންތޯ ބަލާލުމަށް މުޅި ކޮޓަރިއަށް ބަޠޫލް ނަޒަރު ހިންގާލިއެވެ. ދާދީ ކައިރީގައި ހުރި ސައިޑް ކަބަޑު މަތީގައި ބާއްވާފައި އޮތް ހުދުކުލައި ގެ ފިނިފެންމާ ބޮނޑި ބަޠޫލްގެ ލޮލުގައި އަޅައިގަތެވެ.

ތާޒާ ރީތި ރީތި ހުދުކުލައި ގެ ފިނިފެންމާ ބޮނޑިއެކެވެ. ބަލާބެލުމަށް ހީވަނީ ދާދި ދެންމެއަކު ގަހުން ބިނދެފައިވާ މާތަކެއް ހެންނެވެ. އެހާވެސް ތާޒާއެވެ. ކޮޓަރިއަށް ވަދެގެން އައި ނަރުސް ކުއްޖާއަށް އެ މާބޮނޑީައި ހުރި މާތަކަށް ތައުރީފުކުރަމުން އެ މާބޮނޑި ބަޠޫލްގެ އަތަށް ދިއްކޮށްލިއެވެ. ބަޠޫލް އެކަމަށް މާބޮޑުސަމާލުކަމެއް ނުދީ އެމާތަކުގައި ފިރުމާލިއެވެ. ހުދު ފިނިފެން މަލަކީ ބަޠޫލަށް އެންމެރީތި މަލެވެ. އެންމެ ކަމުދާ މަލެވެ.

އެވަގުތު ބަޠޫލް ގެ ހަދާނަށް އައީ އޭނަގެ ގޭގެ ބަގީޗާގެ ތެރޭގައި ހައްދާފަ ހުރި ފިނިފެންމާ ގަސްތަކެވެ. ބަޠޫލް ގެ ގޭގެ ބަގީޗާގައި ހުރި މާތަކާއި މިމާތައް ވަރަށް ތަފާތުއެވެ. ހިނިތުން ވުމާއެކު ބަޠޫލް ވިސްނާލިއެވެ. ވަސްވެސް ތަފާތެވެ. އަދި ފިޔަތާއި ފަތްތައް ވެސް ކިހާ ބޮޑެތި ހެއްޔެވެ. ބަޠޫލް އަނެއްކާވެސް ފިނިފެންމާ ބޮނޑީގެ ވަސްބަލާލިއެވެ. އަދި ލޯމަރާލިއެވެ.

މިއަދު ފެނުނު ޒުވާނާ ބަޠޫލް ގެ ޚިޔާލީ ޕްރިންސްގެ ތަޞްވީރު ހިތަށް ސިފަވެގެން ދިޔައެވެ. ހީވީ އަޞްލުގައި ވެސް އޭނާ ފެނުނު ހެންނެވެ. ކުއްލިއަކަށް ބަޠޫލް ސިއްސައިގެން ދިޔައީ އެނާގެ ރަހުމަތްތެރިން އައި އަޑަށެވެ.

ބަޠޫލް އަށް ގޮވާލަން އައި ހުރިހާކުދިން ވެސް ނަޒަރު ހުއްޓުނީ ބަޠޫލްގެ އަތުގައި އޮތް މާ ބޮނޑިއަށެވެ. ހުރިހާ ކުދިންވެސް އެ މާ ބޮނޑިގައި ހުރި މާތަކުގެ ރީތިކަމުގެ ވާހަކަ ދައްކަން ފަށައިފިއެވެ. ތަޢުރީފް ނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެ އެމާތައް މާ ރީއްޗެވެ. މާތަކުގެ މީރު ވަހުން މުޅިކޮޓަރީގައި ވަނީ ހުވަދުލެވިފައެވެ. ކޮންމެވެސް ޚާއްޞަ މީހެއްގެ ހަދިޔާއެއްކަމުގައި ބުނެ ބަޠޫލް ދިމާކުރަން ފެށިއެވެ. ބަޠޫލް ވެސް އެކުވެރިންގެ މަޖަލާ ސަމާސާ ގައި ބައިވެރިވަމުން ދިޔައެވެ. ލަދުވެތި ހިނިތުން ވުމެއް ގެ އަސަރުތައް މޫނުމަތިން ފެންނަން ފެށިއެވެ.

ވަރުބަލިކަމާ އެކަނިވެރިކަމު ގެ އިޙްސާސުން ބަޠޫލް ގެ ހިތް ފުރިގެންއައެވެ. އަދި ބާރަށް ދެލޯމަރާލިއެވެ. އެއާ އެކު ނިދީގެ އަސަރު ބަޠޫލްގެ ހަށިގަނޑަށް ވެރިވާން ފެށިއެވެ. ނިދެމުން ދަނިކޮށް ހޫނު ނޭވާތަކެއްގެ އިޙްސާސް ކުރެވުނެވެ. އަދި އޯގާތެރި އަތަކުން ނިތްކުރިގައި ފިރުމާލިހެން ބަޠޫލް އަށް ހީވިއެވެ. އަދި ދުވަހަކުވެސް ތަޖުރިބާ ނުކުރާ އިޙްސާސެއްގެ އަސަރު ޙިއްސުތަކަށް ފޯރިއެވެ. ލޯހުޅުވާލާފައި ބަލާލަންވެސް ބަޠޫލް ބޭނުންވިއެވެ. ނަމަވެސް ނިދި ބަރުވެފައިވާ ލޯލަށް އެ ހިތްވަރެއް ނުލިބުނުއެވެ.

ނިދީގެ ރަސްގެފާނު ބަޠޫލް ގޮވައިގެން ކުލަ ރީތި ހުވަފެނުގެ ވާދީއަކަށް ދަތުރުކުރަމުން ދިޔައެވެ. ފެހިކަން ގަދަ ވިނަތަކާ މީރުވަސް ދުވާ މާ ގަސްތަކުގެ ތެރޭގައި ބަޠޫލް ހިގަމުން ދިޔައެވެ. ހިތްގައިމު ކޯރެއްގެ ފައްވާރާއިން އޮހޭ ފެނުގެ މިޔުޒިކުން މުޅި މާޙައުލަށް ވަނީ ހިތްގައިމުކަމެއް ވެރިކުރުވާފައެވެ. މާޙައުލު ގެ ހިތްގައިމު ކަމުން ލިބުނު އުފާ ދެގުނައަށް އިތުރުވީ ހުދުކުލައި ގެ ފިނިފެންމަލު ގެ މީރުވަހުން ސިކުޑީގަ ހުވަނދު ލެވެން ފެށުމުންނެވެ. މުޅި ހަށިގަނޑު އެވަހުގެ ތެރެއަށް ގަރަޤުވެލަން ހިތް އެދުނެވެ.

މީހެއްގެ ހިލަންވުމާއެކު ބަޠޫލް ލޯހުޅުވާލާފަ ބަލާލިއެވެ. މާތްކަލާކޯއެވެ. މިއީކޮންފަދަ ބޮޑު އިއްތިފާގެއް ބާވައެވެ. ކައިލް އެހެރީ ބަޠޫލްގެ ކުރިމަތީގައެވެ. ކަނޑު ނޫކުލައިގެ ދެލޮލު ގައި އެވަނީ ކޮންފަދަ ޖާދުވީ ބާރެއް ހެއްޔެވެ. ބަޠޫލް ގެ ހިތުގެ ހިގުން ހުއްޓުނު ކަހަލައެވެ. އެ ކަސްރަތީ ހަށިގަނޑާ ފަން އިސްތަށިގަޑު ފެނުމުން ބަޠޫލްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ހިނިތުންވުމާއި އެކު މަޑުމަޑުން ކައިލްގެ ނަން ބަޠޫލް ކިޔާލިއެވެ. އަދި އޭނާ އަތުގައި އޮތް ހުދުކުލައިގެ ފިނިފެންމާ ބޮނޑިއަށް ބަޠޫލުގެ ނަޒަރު ހުއްޓުނެވެ. ބަޠޫލް ގެ ހިތް ކޮންޓްރޯލުން ދޫވިއެވެ.

ބަޠޫލް އޭނަގެ ތުރުތުރު އަޅާއަތުން ފިނިފެންމާ ބޮނޑިގައި ހިފުމަށްފަހު ތެންކިޔު އޭ ބުނެލަން ވެގެން ދޫ ޙަރަކާތް ކޮށްލިއެވެ. ނަމަވެސް ތުރުތުރު އަޅަމުންދާ ދެތުންފަތުން އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ނޭގޭ ބާރަކާއިއެކު ކައިލް އާއި ދިމާލަށް ދެވެން ފެށިއެވެ. ކައިލްގެ ނޭވާގެ ހޫނުކަން އިޙްޞާސް ކުރެވޭހާ ގާތަށް ގޮސް ބަޠޫލް ހުއްޓުނެވެ. ކައިލުގެ އެ ރީތި މޫނާއި ލޯބި ހިނިތުންވުމުގައި ބަޠޫލް ގައިދުވެ ބަންދު ވެއްޖެއެވެ.

މިއީ ކޮންތަނެއް ހެއްޔެވެ. ބަޠޫލް ރަގަޅަށް ދެލޯހުޅުވާލާފައި ބަލާލިއެވެ. އޮވެވުނީ ހޮސްޕިޓަލްގެ ކޮޓަރީގެ އެދުގައެވެ. ބަޠޫލް ވިސްނާލިއެވެ. އެއީ ކޮންފަދަ އުފާވެރި ހުވަފެނެއް ހެއްޔެވެ. ހުވަފެނުގައި ކައިލް އާއެކު ހޭދަކުރެވުނު ވަގުތުކޮޅު ކިހާ ފޮނި ހެއްޔެވެ. ބަޠޫލް އެންމެ އަޖައިބުވީ ކުރިން އޭނަގެ ހަށިގަޑުގެ ހުރި ރިހުން އެއްކޮށް ފިލަިއގެން ގޮސްފައިވާތީއެވެ. ރިހުން ހުރި އަތާއި ފައިގައި އެއްވެސް ރިހުމުގެ އަސަރެއްނެތެވެ. އޭނާގެ ހުވަފެނުގެ ރަސްގެފާނު ކައިލް ގެ ފިރުމުން ތަކުން ޒަޚަމުތައް ފިލައިގެންދިޔައީއެވެ.
ބަޠޫލް އަށް ލިބުނު އުފަލެއް ގެ ބޮޑުކަމުން އަމިއްލައަށް ހެވެން ފެށުނެވެ . ބާރުބާރަށެވެ. އެއަޑަށް ނަރުސް ދުވެފައި އައިސް ކޮޓަރިއަށް ވަދެ ކިހިނެތްވީތޯ ސުވާލުކުރިއެވެ. ބަޠޫލްގެ ޖަވާބަކަށްވީ އެއްވެސް ކަމެއްނުވާކަމަށާއި ރަގަޅުކަމަށް ބުނެލިއެވެ.

ބަޠޫލު ހޮސްޕޓަލުން ދޫކޮށް ލުމުން އެނބި ހޮސްޓެލަށް ދިޔައިރު ކޮލެޖްގެ ސްޓާފާނުންނާއި ހުރިހާ ކުޑިން އޭނާއަށް މަރުހަބާ ކިޔަން ނިކުމެ ތިއްބެވެ. އެތަނުގައި އިރުކޮޅަކު ހޭދަކުރުމަށްފަހު ވަރުބަލިކަން އިޙްސާސް ކުރެވެން ފެށުމުން ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގައި ފައި އެޅުމާއެކު ޙައިރާންވެ ބަޠޫލަށް ނޭވާލާން ވެސް ހަދާން ނެތިގެން ދިޔަ ކަހަލައެވެ.

ނުނިމޭ.....

ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.