ކުޅިވަރު

ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ރަޝްފަރޑް އާކޮށްފި


މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން، އިނގިރޭސި ފޯވަރޑް މާކަސް ރަޝްފަރޑް އާކޮށްފި އެވެ.

އުމުރުން 21 އަހަރުގެ ރަޝްފަރޑް ޔުނައިޓެޑާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން، 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ ކްލަބުގައި މަޑުކުރާނެ އެވެ.

އެއްބަސްވުން އާކުރުމަށްފަހު ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރަޝްފަރޑް ބުނީ، އޭނާ މީހަކަށް ހެދީ ޔުނައިޓެޑުން ކަމަށާއި، ކްލަބުގައި އިތުރު މުއްދަތެއް ހޭދަކުރަން ލިބުމުން އުފާވާ ކަމަށެވެ.

ރަޝްފަރޑް ބުނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ކްލަބަށް ކާމިޔާބު ހޯދަން މަސައްކަތް ކޮށްދޭނެ ކަމަށާއި، ސަޕޯޓަރުން ހިތްހަމަޖައްސައި ދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ކުރިއަށް އޮތް ސީޒަނަށް އަމާޒުކޮށްގެން ގިނަ ކްލަބްތަކުން ވަނީ ރަޝްފަރޑް ހޯދަން މަސައްކަތްކޮށްފަ އެވެ އޭގެތެރޭގައި ސްޕެއިން އަދި ޖަރުމަންގެ ކްލަބްތައް ހިމެނެ އެވެ.

ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ކުރިން ދަތިވި ރަޝްފަރޑަށް، އާ ކޯޗު ސޮލްޝެއާ ޓީމާ ހަވާލުވި ފަހުން، މިހާރު ފުރަތަމަ އެގާރައިން ފުރުސަތު ލިބޭ މިންވަރު ވަނީ ގިނަވެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއަރ ކެރިޔަރު ފެށި ރަޝްފަރޑް ވަނީ ޔުނައިޓެޑަށް ކުޅުނު 170 މެޗުގައި 45 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ރަޝްފަރޑް ވަނީ ޔުނައިޓެޑާއެކު އެފް.އޭ ކަޕް، ލީގް ކަޕް، އެފް.އޭ ކޮމިއުނިޓީ ޝީލްޑް އަދި ޔޫ.އެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފަ އެވެ.