ކުޅިވަރު

ގޮއިދޫ ބަލިކޮށް ބ.ފުޓްބޯލް ޗެލެންޖްގެ ފެށުން އޭދަފުށިން ރަނގަޅުކޮށްފި


ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗް އޭދަފުށި ކާމިޔާބުކޮށްފި އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބައްދަލުކުރީ ބ.އަތޮޅުގެ ފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ އޭދަފުއްޓާ ގޮއިދޫ އެވެ. މި މެޗް އޭދަފުށި ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުން ނެވެ.

މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ގޮއިދޫ އެވެ. މި ލަނޑު އެޓީމްއަށް ޖަހައިދިނީ ފުރަތަމަ ހާފްގެ 20 ވަނަ މިނެޓްގައި ޝައްމޫން ޖަމީލް އެވެ. ގޮއިދޫގެ ލަނޑަށް ފަހު އޭދަފުށިން ކުޅުން ރަނގަޅުކޮށް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރި އެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ، އަލީ ނަސީމް އެވެ. =އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗްގައި އޭދަފުށި މޮޅުކޮށްދިން ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަނަސް މުހައްމަދު އެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ ސާހީ މޫސާ އެވެ.

މިއަދު މެޗް ޝަރަފްވެރިކޮށްދެއްވާ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ތަށި ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

މިމެޗް ނިންމާ ކްލަބް އޭދަފުށީގެ ފަރާތުން ވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދަށް ކްލަބް އޭދަފުށީގެ ޖާޒީއެއް ހަވާލުކޮށްފަ އެވެ. މިނިސްޓަރގެ އިތުރުން ލަނޑާ ގިރާވަރުގެ ޖެނެރަލް މެނޭޖަރ އަދި ފޯސީޒަނުން މި ރީޖަންއަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ވައިސް ޕްރެސިޑެންޓް އަރްމާންޑޯ ކްރެންޒިލިން އާ ފޯސީޒަން މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ޕީޕަލްސް އެންޑް ކަލްޗަރ ރާޖަން ވިސްވަނަތަން އަށްވެސް ވަނީ ކްލަބް އޭދަފުށީގެ ޖާޒީ ހަދިޔާކޮށްފަ އެވެ.

މިމުބާރާތުގައި ބައިވެރިވި ހުރިހާ ޓީމެއް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ސަގާފީ ކުޅިވަރުގެ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ފޯސީޒަން ލަނޑާ ގިރާވަރުން އިންތިޒާމުކޮށްގެން ބ.އޭދަފުށީ ވެސްޓް ވިންގް ޖަމިއްޔާ އާ ގުޅިގެން ކުރިއަށްގެންދާ މިމުބާރާތުގައި މާދަމާ ބައްދަލު ކުރާނީ، ހިތާދޫ އާ ތުޅާދޫ އެވެ.