ޚަބަރު

ކުންފުނިތަކަށް މުވައްޒަފުން ވެއްދުމުގެ ބާރު އެމްޑީންގެ އަތުން ނަގަންޖެހޭ - އޭސީސީ


ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ވެއްދުމުގެ ބާރު އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުނަށް އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލެއްކަމުން، އެ ބާރު މެނޭޖިން ޑިރެކްޓަރުންގެ އަތުން ނެގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީ ގޮވާލައްވައިފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ކަންކަން ބެލުމަށް އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސްގެ ކޮމިޓީއަސް އޭސީސީގެ މެމްބަރުން ޙާޒިރުކުރުމުން އެކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެކޮމިޝަނުގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ހިންގުމުގައި މުވައްޒަފުން ނެގުމުގެ މަސައްކަތުން ފެށިގެންގޮސް، ޕްރޮކިއުމަންޓާއި ކުންފުނިތަކުން ހިންގާ އެކިކަހަލަ ސީއެސްއާރު މަސައްކަތްތަކުގައިވެސް އެކޮމިޝަނުން ކަންބޮޑުވާ ކަންކަން އެބަހުރިކަމަށެވެ.

އެގޮތުން ބައެއް ކުންފުނިތަކުގައި މުވައްޒަފުން ރެކްރޫޓްކުރާނެ ހަރުދަނާ ޕޮލިސީއެއް ނެތްއިރު، މަޤާމުތަކަށް މީހުން ނެގުމުގައި ޝަރުތުތަކެއް ކަނޑައަޅާފައިނެތްކަން ފާހަގަކުރެވިފައިވާކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ.

އަދި މެނޭޖިންގ ޑިރެކްޓަރުންނަށް ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ބާރު ދޫކޮށްލާފައި އޮތުމުން، ޝަރުތުތައް ހަމަވޭތޯ ނުވަތަ ނޫންތޯ ބެލުމެއްނެތި ވަޒީފާއަށް މީހުން ވައްދާފައިވާކަން ފާހަގަކުރެވިފައިވާތީ، އެ ބާރު މެނޭޖިންގ ޑިރެކްޓަރުންގެ އަތުން ނެގުމަށް ޕްރައިވަޓައިޒޭޝަން ބޯޑުގައި އެދިފައިވާނެކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ދިމާވާ ވަރަށް ބޮޑު ޗެލެންޖެއް އެއީ ތަކުރާރުކޮށް އެންގުމުންވެސް އެއަށް ޢަމަލުނުކުރެވޭކަން. މިސާލަކަށް އޭސީސީން އަންގާފައި އޮންނާނެ އެއްވެސް ކުންފުންޏެއްގެ އެމްޑީއަކަށް ބާރުދީގެން ނުވާނެކަމަށް މުވައްޒަފުން ރެކްރޫޓްކުރަން. އެ ބާރު ލިބޭގޮތަށް ޕޮލިސީ ހެދިފައިވާނަމަ އެކަން ބަދަލުކުރުމަށް. މިހާރުވެސް އެބަހުރި ބައެއް ކުންފުނިތަކުގައި އެމްޑީ ބޭނުންވެއްޖެނަމަ ޢިޢުލާންކުރުމަކާނުލާ މަޤާމުތަކަށް މީހުން އައްޔަނުކުރެވިދާނެކަމަށް. އެއީ ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާކަމެއް." މުޢައްވިޒު ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ، ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށްވެސް ބައެއް ކުންފުނިތަކުން ޢަމަލުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ދަޢުލަތުގެ ވަކި ވުޒާރާއަކުން ނުވަތަ ވަކި މިނިސްޓްރީއަކުން އެންގީތީ، އެއީ އެކުންފުންޏެއްގެ ޕްރޮކިއުމަންޓް ޕޮލިސީން ބޭރުން ކުރެވޭ މަސައްކަތެއްކަން އެނގިތިބެ އެފަދަ މަސައްކަތްތައް ބައެއް ކުންފުނިތަކުން ކުރިއަށްގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ހުއްޓުވުމުގައި ތަންފީޒީ މަރުޙަލާގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ދަޢުލަތުގެ އިދާރާއަކުން އެންގިނަމަވެސް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާއި ޚިލާފުވާކަމަށްވާނަމަ އެއަށް އަމަލުކޮށްގެން ނުވާނެ. ހަމައެހެންމެ ބައެއް ކުންފުނިތަކާ ހަވާލުކުރެވޭއިރު މިނިސްޓްރީތަކުންވެސް ކޯޓޭޝަންތައް އެބަހޯދާލާފައި މިވެނި މަސައްކަތެއް މިވެނި ކުންފުންޏަކާ ހަވާލުކުރާށޭ ބުނާތަންވެސް ފެނޭ. އެކަހަލަ ބައެއް މައްސަލަތައްވެސް އެބަހުރި ފާހަގަކުރެވިފައި." މުޢައްވިޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސްގެ ކޮމިޓީގެ މެމްބަރުން، އޭސީސީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އޭސީސީގެ ފަރާތުން ވަނީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކާ ތަންފީޒީ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން އެކޮމިޝަނަށް މިހާރަށްވުރެ ބޮޑަށް ބޭނުންވާކަން ފާހަގަކޮށްފައެވެ.