ސިޔާސީ

ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް އެކުވެރި ޤައުމުތަކުގެ އެއްބާރުލުން ބޭނުންވޭ - ރައީސް


މިސަރުކާރުން ބޭނުންވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި އެކުވެރި ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދަޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު މިއަދު ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެށްޓެވީ ސިންގަޕޫރަށް ވަޑައިގަތުމުން އެމަނިކުފާނާއި ރާއްޖޭގެ ވަފްދަށް ސިންގަޕޫރުގެ ސަރުކާރުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވަމުންނެވެ.
ރާއްޖެއާއި ސިންގަޕޫރުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ސިންގަޕޫރަކީ ޒަމާނުއްސުރެ ދިވެހިން ތަޢުލީމު އުނގެނުމަށާއި، ޞިއްޙީ ފަރުވާ ހޯދުމަށާއި، ވިޔަފާރިއަށް ދަތުރުފަތުރުކުރަމުން އަންނަ ޤައުމެއްކަމަށާއި، ސިންގަޕޫރަކީ ރާއްޖޭގެ ވިޔަފާރީގެ ވަރުގަދަ ބައިވެރިއެއްކަން އެމަނިކިފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ރާއްޖެއާއި ސިންގަޕޫރަކީ ވަރަށްގިނަ އެއްގޮތް ގޮންޖެހުންތައް ކުރިމަތިވާ ދެޤައުމުކަމަށާ، ދެޤައުމުން ގުޅިގެން އެކުގައި މިހާރުވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މީގެތެރޭގައި، ވިޔަފާރިއާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދީ ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމާއި ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތްތަކާއި ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ކުދި ޤައުމުތައް ކުރިއެރުވުމަށްކުރާ މަސައްކަތް ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން ރައްޔިތުންނަށް އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށާއި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، ރާއްޖޭގެ އެކުވެރި ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކު ރައްވާކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ސިންގަޕޫރުގެ ރައީސަށް ފަސޭހަފުޅު ތާރީޚެއްގައި ރާއްޖެއަށް ވަޑައިގެންނެވުމަށް އެދިވަޑަގެން ދަޢުވަތު އަރުވާފައެވެ.

"ފާއިތުވި ތަނުގައި ގިނަ ޢަދަދެއްގެ ދިވެހިން އެކި ބޭނުންތަކަށް ސިންގަޕޫރަށް ޒިޔާރަތްކުރޭ. އޭގެ ތެރޭގައި ބޭސްފަރުވާއާއި ވިޔަފާރިއާއި ތަޢުލީމް ހާސިލްކުރުން ހިމެނޭ. ސިންގަޕޫރަކީ ރާއްޖޭގެ ވިޔަފާރީގެ މުހިންމު ބައިވެރިއެއް. މި މުޢާމަލާތްތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ." ރައީސް ވިދާޅުވިއެވެ.

މި ޖާފަތުގައި ސިންގަޕޫރުގެ ރައީސާ ޙަލީމާ ޔައުޤޫބް ދެއްކެވި ވާހަކަފުޅުގައި މިއީ ރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ދެމެދުގައި ގުޅުން ޤާއިމްކުރެއްވިތާ 54 އަހަރުފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސިންގަޕޫރާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ މަދު ސުވަސްކޮޅެއްގެ ތެރޭގައިކަމަށްވެސް ވިދާޅުވިއެވެ. ސިންގަޕޫރުގެ ރައީސާވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ޚާއްޞާކޮށް އދ.ގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތާރީފްކުރައްވާފައެވެ.
އަދި ރާއްޖެއަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ސިންގަޕޫރުގެ ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ. އަދިވަނީ ދާދި ފަހުން ބޭއްވި ޕާޓްނާޝިޕް ފޯރަމްގެ ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. ސިންގަޕޫރުގެ ރައީސާ ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޙާސިލްކުރުމަށް ރާއްޖެއަށް ދެއަހަރުދުވަހު ޓެކްނިކަލް އެހީތެރިކަން ދެއްވާނެކަން އިޢުލާންކުރައްވާފައެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ މަނިކުފާނުގެ ސަރުކާރުން ރައްޔިތުން އެދޭ ހެޔޮބަދަލާއި ބޮޑެތި ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެކަމަށް. ސިންގަޕޫރުން ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް އަބަދުވެސް އެހީތެރިވާނަން." ސިންގަޕޫރުގެ ރައީސާ ވިދާޅުވިއެވެ.

ސިންގަޕޫރުގެ ރައީސާ ޙަލީމާ ޔަޢުޤޫބު ދެއްވި ފުރަމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ރާއްޖޭގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.