މުނިފޫހިފިލުވުން

ދެމައިންގެ "ނާނާ" އަޑުއަހާލަން ވަރަށް ހިތްގައިމު


މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ، ދުވަސްތަކަށްފަހު މިވަނީ އޭނާގެ ފޭނުންނަށް ހަދިޔާއެއް ދޫކޮށްލާފައެވެ.

މިފަހަރު އުނޫޝާ އޭނާގެ ފޭނުންނަށް ހަދިޔާކޮށްފައިވަނީ ޖޭމުދޮންކަމަނަގެ އެންމެ މަޝްހޫރުވެގެންދިޔަ ލަވަތަކުގެ ތެރޭގައި ހިމެނޭ، އަދިވެސް އެ ލަވައަކަށް ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއްދެވިފައިވާ "ނާނާ" މި ލަވައިގެ ކަވަރ ވާޝަނެކެވެ. އުނޫޝާގެ މި ކަވަރ ވާޝަން އެންމެ ޙާއްސަވާ އެއް ސަބަބަކީ މި ލަވައިގައި އުނޫޝާއާއެކު އޭނާގެ މަންމަ އަދި 90 ގެ އަހަރުތަކުގައި އޮލިމްޕިއަން ބޭންޑުން ވިދާލި ލަވަކިޔުންތެރިޔާ މަރިޔަމް ޝަފީޤާ ޢަބްދުއްލަތީފުގެ ހިތްގައިމު އަޑުވެސް މި ލަވައިން އިވިގެންދާތީއެވެ.

ދެމައިންގެ އަޑުން ކިޔާވައިފާ ނާނާގެ ކަވަރ ވާޝަން ސައުންޑް ކްލައުޑަށް އުނޫޝާ ދޫކޮށްލާފައިވަނީ މިއީ ހުރިހާ މަންމައިންނަށާއި ދަރިންނަށް އެ ދެމައިންގެ ފަރާތުންދޭ ހަދިޔާއެއްކަމަށް ބުނެފައެވެ. މި ލަވަ އަތުރާލާފައިވާގޮތަށް ބަލާލާއިރު ލަވައިގެ ޅެމަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެއެވެ. ހަމައެހެންމެ ލަވައިގެ މެލޮޑީވެސް ހަދާފައިވަނީ އަސްލު ލަވައާއި ދާދި އެއްގޮތަކަށެވެ.

ނާނާގެ މިފަހަރުގެ ވާޝަންގެ މިއުޒިކް ޓްރެކް ތައްޔާރުކޮށްފައިވަނީ އުނޫޝާގެ ލަވަތަކަށް އާއްމުކޮށްވެސް މިއުޒިކް ހަދައިދޭ ބާޗީއެވެ. މަޑުމައިތިރި ރާގައަކަށް އުނޫޝާއާއި އޭނާގެ މަންމަ ކިޔާފައިވާ މި ކަވަރ ވާޝަން ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ. އަދި މިއީ އަޑުއަހާލަން ހިތްގައިމު ނާނާއެއްކަމަށްވެސް ބަައެއް މީހުން ބުނެފައިވެއެވެ.

މަރިޔަމް އުނޫޝާ، މަޝްޙޫރު ނަމުންނަމަ ކިޑީއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ ހުނަރުވެރި އަންހެން ލަވަކިޔުންތެރިޔާއެވެ. ޓީވީއެމުން ގެނެސްދިން ސްކޫލްކުދިންގެ ލަވަ މުބާރާތުން މިއުޒިކީ އުދަރެހުގައި ފިޔަޖަހަންފެށި އުނޫޝާ ވަނީ ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އަދި ބޮޑު ފްރެންޗައިޒް ޝޯވކަމަށްވާ މޯލްޑިވިއަން އައިޑަލްގައި ޖަޖުކަންވެސް ކޮށްފައެވެ. އަދި އޭނާއަކީ އައިޑަލްގެ 3 ސީޒަންގައިވެސް ޖަޖިން ޕެނަލުން ފެނިގެންދިޔަ ހަމައެކަނި ފަންނާނުވެސްމެއެވެ.

އުނޫޝާ ވަނީ ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭފަދަ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އާއްމުންގެ ތެރޭ އެތަކެއް މަޤުބޫލު ލަވަތަކެއް ގެނެސްދީފައިވާ އުނޫޝާއަކީ އިނގިރޭސި ބަހުންނާއި، ދިވެހި ބަހުން އަމިއްލައަށް ލަވަ ލިޔެ، އަދި ލަވަ ކިޔާ ވަރަށްވެސް ހުނަރުވެރި ޒުވާނެކެވެ. އުނޫޝާ އަންނަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް އޭނާގެ ހުނަރުވެރިކަމާއި، ކުޅަދާނަކަން ދައްކާ، ގިނަ ބައެއްގެ ލޯތްބާއި، މަޤްބޫލުކަން ހޯދަމުންނެވެ. އުނޫޝާއަކީ ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ކިޔުމުގެ ފުރުޞަތު މިހާތަނަށް ލިބުނު ހަމައެކަނި ދިވެހި ފަންނާނުވެސްމެއެވެ.